ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑާއި ބީޗް ފްރަންޓުން އިތުރު 8 ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.
މި ބިންތައް ގަނެވޭނީ ހަމައެކަނި ދިވެހިންނަށެވެ. މި 8 ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ 2 ބިމަކާއި ބީޗް ސައިޑުން ދޫކުރާ 6 ބިމެކެވެ.
ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައިވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެކެވެ. އަދި ބީޗް ސައިޑުން ދޫކުރަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށްވެސް ބީލަން ހުށަހެޅޭނެކަމަށް މައުލޫމާތުދެއްވާފައިވާއިރު، ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސަންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާން ޖެހެއެވެ.
ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓެއް 4،500 ރުފިޔާ އަށްކަމަށްވާއިރު، ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓެއް 4،000 ރުފިޔާއެވެ.
ބިން ގަތުމަށް ހުޅުވާލާފައިވަނީ އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށްވެސް އެދެވޭ ގޮތަށެވެ.
މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

