ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ %100 ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ބުނެފިއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ 2020 ވަނަ އަހަރުގެ މާރޗް މަހު 42 ހެކްޓަރު ހިއްކާފައިވާއިރު، މިއަހަރުގެ އޭޕްރިލް މަހު ދެވަނަ ފިޔަވަހީގެ 132 ހެކްޓަރ ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ 2.66 ކިލޯ މީޓަރ ނިމިފައިވާ ކަމަށެވެ.
ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް، ހަވާލު ކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 130.5 މިލިއަން ޑޮލަރުށެވެ. ބައިނަލްއަގުވާމީ ބަނދަރު ހެދުމަށް ހާއްސަކޮށްފައިވާ މި މަޝްރޫއުއާއި އެކު މާލޭގެ އުތުރުގައި މިހާރު ހިންގަމުން އަންނަ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ބޮސްކާލިސް އާއި ހަވާލުކޮށް 192 ހެކްޓަރުގެ ބިން ހިއްކިއިރު އެ މަސައްކަތުގެ ބައެއް އެމްޓީސީސީ އާއި ހަވާލުކޮށްގެން ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އޭކޭއޭ ޔޫރަޕިއަން އެސްޕޯޓު ޓްރޭޑް ބޭންކާއި އައިއެންޖީ ބެންކު އަދި އޭބީއެން އޭއެމްއާރުއޯ ބޭންކުގެ އެހީއާއި އެކު 1.6 ބިލިއަން ރުފިޔާގެ ލޯނެއް ވަނީ ނަގާފަ އެވެ.

