ދަތި ބަޖެޓަކާއެކުވެސް ރަނގަޅު ބިންގަލެއް މިއަދު އެޅިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން ސަންގު ޓީވީއަށް ނައިބު ރައީސް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ސަރުކާރާއި ހަވާލުވިއިރު ރާއްޖޭގެ އިޤްތިސާދީ ހާލަތު ދަށްވެފައިވީ ނަމަވެސް މުސްތަޤް ބަލަށް ވިސްނާފައި ރައީސް އަޅުއްވައިފައިވަނީ ރަނގަޅު ބިންގަލެއް ކަމަށެވެ.
ރައީސްގެ މެނިފެސްޓޯ އެކުލަވައިލައިފައި ވާނީ ގިނަ ފަރާތްތަކަކާއި މަޝްވަރާކޮށް ރަށްޔިތުން އެދިފައިވާ ގޮތަށް ކަމަށާއި އެ ކަންކަމަށް ވާސިލުވުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ތަސައްވަރަކީ ބޯހިޔާވަހި ކަމުގެ ތަސައްވުރު ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
އުދަގޫ ދަތި ބަޖެޓަކާއެކުވެސް ހަޤީޤީ ބިންގަލެއް މިއެޅުނީ، މާދަމާ އަޅުގަނޑުމެން މި ބަޖެޓުން، މެނިފެސްޓޯ ރައީސް ބޭނުންފުޅުވާ ކަންކަން ތަސައްވުރާއި ހަމައަށް ވާސިލްވުމަށްޓަކައި، އެ ތަސައްވުރަކީ ރައްޔިތުން ބޭނުންވި ތަސައްވުރު، އެއީ ބޯހިޔާވަހިކަމުގެ ތަސައްވުރު
ނައިބު ރައީސް ވިދާޅުވީ، 2025 ވަނަ އަހަރު ބަޖެޓުގައި ބޯހިޔާވަހިކަން އެކުލެވިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަމާއި ގުޅުންހުރި މަޝްރޫއުތައް ފެށިގެންދާނެ ކަމަށާއި އެކަމުން ރަށްޔިތުން ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ސިޔާސި މައިދާނުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވައިލައި ނައިބު ރައީސް ވިދާޅުވީ، ސިޔާސީ ހަމަޖެހުން ޤައުމުގައި ބޭވުމަށް ރައީސް އިސްކަން ދެއްވައިފައިވާ ކަަމަށެވެ.
ރާއްޖޭގެ އިޤްތިސާދު ބޭރުގެ ފަރާތްތަކަށް ބިނާވެފައިވާއިރު، ރާއްޖޭގައި ހަމަޖެހުން ޤާއިމުވެ އޮތުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

