އަންނަ އަހަރުގެ މެދުތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ވުމާއި ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ ވޭތުވެދިޔަ 52 ހަފްތާގެ ތެރޭގައި ސަރުކާރުން 5012 ބިދޭސީން ވާނީ ޑީޕޯޓްކޮށްފައިކަމަށެވެ. ރައީސް ވިދާޅުވީ މި އަދަދަކީ ކުރީގެ ތިން އަހަރު ދުވަހުގެ ޖުމްލައަށް ބަލާއިރުވެސް އިތުރު އަދަދެއް ކަމަށެވެ.
ރައީސް ވިދާޅުވީ ވާހަކަފުޅު ދައްކަވާނީ ނަތީޖާއިން ކަމަށާއި ހުސް ވާހަކަފުޅެއް ނުދައްކަވާނެ ކަމަށެވެ.
”މިހާރު މާލޭގައި ކުދި ކުދި ތަންތަންކޮޅުގައި 100، 200 މީހުން އުޅޭ މައްސަލަ ހައްލުކުރެވޭނެ. ރައްޔިތުން އަޅުގަނޑުމެނާއެކު ތިބިއްޔާ އެކަން ކުރާނަން، ގެރެންޓީ.“
136 ރަށުގައި ކުރަނގި އޮޕަރޭޝަން ވަނީ ހިންގާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން 12،113 މީހުންގެ ބަޔޯމެޓްރިކް ނަގާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް އަހަރުގެ އޭޕްރިލް ނުވަތަ މޭ މަހާ ހިސާބަށް ދާއިރު ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

