އިންޑިއާއި އެކު ޑިޕްލޮމަސީގެ އުސޫލުން ކުރި މަޝްވަރާތަކަށް ފަހު ރާއްޖެއިން އިންޑިއާގެ ސިފައިން ފައިބައިގެން ގޮސްފައިވާކަމަށާއި، ރާއްޖޭގައި މިވަގުތު އެއްވެސް ގައުމެއްގެ އަސްކަރީ ބައެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ކުރިޔަށް ގެންދިޔަ ހަފްލާގައި ރައީސް ވިދާޅުވީ، ގައުމެއްގެ ގޮތުގައި ކުރިޔަށް ދެވޭނީ އެބައެއްގެ މިނިވަންކަމާއި ސިޔާދަރު ކަށަވަރުވެގެން ކަމަށެވެ. އަދި އެކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދެވިކަން ފާހަގަކޮށް ވިދާޅުވީ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ވެސް ބައްދަލުވުމެއް ބޭއްވީ އެ ދާއިރާއިން ކަމަށެވެ.
އިންޑިއާ – ރާއްޖެ ދެމެދުވެފައިވާ ބައެއް އެއްބަސްވުންތަކުގެ ދަށުން އެ ގައުމުގެ ސިފައިންނަށް ރާއްޖޭގައި ތިބުމުގެ ޖާގަ ދެވިފައިވާކަމަށް ތުހުމަތު ކުރެވުނެވެ. އަދި ރިޔާސީ ކެމްޕެއިނުގައި ރައީސް ވައުދުވެވަޑައިތީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި އެއްބަސްވުންތައް އުވާލުމަށެވެ.
މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ޑިޕްލޮމެޓިކް އުސޫލުގެ ދަށުން ރިވެތި ގޮތުގައި ކުރި މަޝްވަރާއަށް ފަހު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވިކަމަށެވެ.
މިތާކު މިހާރު ނުތިބޭނެ އިންޑިއާ ސިފައިންނެއް.. އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން އެކަމަށް..
މީގެއިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ ނިންމުމާއި އެއްގޮތަށް، ހައިޑްރޮގްރަފީގެ އެއްބަސްވުން ވެސް އައުކޮށްފައި ނުވާނެކަމަށެވެ. އިންޑިއާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ހައިޑްރޯގްރަފީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް މިރޭ ވެސް ރައީސް ދޮގުކުރެއްވިއެވެ.
ހައިޑްރޮގްރެފިކް އެއްބަސްވުން އިތުރަށް ކުރިޔަށް ނުގެންދިއުމަށް ކެބިނެޓުން ނިންމީ މިދިޔަ ޑިސެމްބަރު މަހުއެވެ.
ރައީސް ފާހަގަކުރެއްވި ސާވޭގައި ރާއްޖޭގެ ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރާކަމަށާއި، އަދި އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށްވެސް މި ސާވޭގެ ބޭނުން ކުރާކަމަށް ސަރުކާރުން އޭރު ބުންޏެވެ.

