2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު އާންމު ރައްޔިތުންނަށް ފަހުމްވާނެ ގޮތަށް އަލުން އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ސިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ބަޖެޓު ތައްޔާރުކުރެވިފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، 2008 ވަނަ އަހަރު ޓެކްސް ނެގުމުގެ ނިޒާމު ތަޢާރަފުކުރެވުނު އިރު، ސަރުކާރުން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއަށް ނުވަންނާނެ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެހެންނަމަވެސް، މިހާރު ފެންނަމުންދަނީ ސަރުކާރުން ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވަމުންދާ މަންޒަރު ކަމަށާއި، މިކަމުގެ ތަޖުރިބާއެއް ނެތި ވެސް މިފަދަ ޙަރަކާތްތަކުގައި ބައިވެރިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ 200 އަށްވުރެ ގިނަ ކުންފުނިތަކުގެ ޚަރަދުތައް ބިލިއަނުން އިތުރުވަމުންދާއިރު، މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަން ވެސް ފާހަގަކުރެއްވިއެވެ.
މެންބަރު ސިޔާމް އިތުރަށް ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ ނުއުފެއްދުންތެރި ގޮތުގައި ބޭނުންކުރެވެމުންދާތީ، މިކަން ހުއްޓުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓު ފޮތް އިޞްލާޙުކޮށް، ރައްޔިތުންނަށް ފަހުމްވާނެ ގޮތަށް އަލުން އެކުލަވާލުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ބަޖެޓުގައި ހިމެނިފައިވާ މަޢުލޫމާތުތައް ދިވެހި ރައްޔިތުންނަށް ފަހުމްވާނެ ގޮތަށް އިޞްލާޙުކޮށްދިނުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް އެދިވަޑައިގަންނަވާ ކަމަށް މެންބަރު ސިޔާމް ވިދާޅުވިއެވެ. މިހާރު ބަޖެޓުގައި އެކި ދާއިރާތަކަށް ބޮޑެތި އަދަދުތައް ހިމަނާފައިވާއިރު، އެއްވެސް އިތުރު ތަފްޞީލެއް ދީފައިނުވާ ކަމަށް ފާހަގަކުރެއްވިއެވެ.
ބަޖެޓުގެ މައިގަނޑު އަދަދުތަކާއި ދާއިރާތަކަށް ކަނޑައަޅާފައިވާ ފައިސާގެ މިންވަރު ހިއްސާކުރެއްވުމަށްފަހު، މެންބަރު ސިޔާމް ވިދާޅުވީ، މި އަދަދުތައް ޚަރަދުކުރާނީ ކޮން ކަންތައްތަކަކަށްކަން ސާފުނުވާތީ، ބަޖެޓު މުޅިން އަލުން އެކުލަވާލައި، ތަފްޞީލީ މަޢުލޫމާތާއެކު އަލުން ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ހުވާކޮށްގެން ތިބޭއިރު، ނޭނގި ތިބެ ދޭ ވޯޓުގެ ސަބަބުން އާޚިރަތުގައި ޖަވާބުދާރީވާން ޖެހިދާނެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ.

