ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ މަދު ފައިސާކޮޅަކަށް ނަފްސު ވިއްކާލާ ބަޔަކަށް ވެގެން ނުވަނެކަމަށް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހާއި، ކައުންސިލްތަކަށް އިންތިހާބުވުމަށް ފަހު ދައުރުގެ މެދުތެރެއިން ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރީ މިދިދަ ދައުރުގަ އެވެ. އެމްޑީޕީ އޭރު ގެނައި ގާނޫނު ތަސްދީގު ކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަކު އޭރު ވެސް އޮތް ބަހުސަކީ، މިއީ ގާނޫނުއަސާސީގައި ހިމަނަން ޖެހޭ މާއްދާދަތަކެއްކަމަށެވެ.
އޭގެ ފަހުން މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހެޅުއްވީ، މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ނުވަތަ ޕާޓީ ބަދަލު ކުރުމުން ދެން ވާނެ ގޮތް ގާނޫނުއަސާސީގައި ހިމެނުމަށެވެ. މި އިސްލާހުގެ ބަހުސްގައި ފަލާހު ވިދާޅުވީ، މި މަސައްކަތުގެ ބޭނުމަކީ އެމްޑީޕީން ގެނައި އެންޓި ޑިފެކްޝަންގެ ގާނޫނު އިތުރަށް ފުރިހަމަ ކުރުންކަމަށެވެ.
މި ނިމިދިޔަ ރައްޔިތުންގެ މަޖިލިސް ދައުރުގައި އެމްޑީޕީ މިއޮތީ މިތާ ތިއްބެވި އިއްޒަތްތެރި މެމްބަރުން ވެސް ހިމެނޭ ގޮތަށް، އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައި.. އެ އޮތީ ދެ ފެންދޭތެރޭގައިކަމަށް ވާތީ އަޅުގަނޑުމެން މިއުޅެނީ އެ ހަމަޖައްސަން.. އެ ހިފައިގެން ކޯޓަށާ، މަޖިލީހަށާ ދޭތެރޭ ހިނގަ ހިނގާ ތިބޭކަށް ބޭނުމެއް ނޫން..
ފަލާހު ވިދާޅުވީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުން ބޭނުން ވަނީ، ރައްޔިތުންގެ މަޖިލީހުގައި ނަޒާހަތްތެރިކަން ދެއްކުމަށް ކަމަށެވެ. އަދި ރައްޔިތުން ހަވާލު ކުރި އަމާނާތަށް ހިޔާނާތްތެރިވެ، ފައިސާކޮޅަކަށް ނަފްސު ވިއްކާލަން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހުގެ މަސައްކަތް މިއަދު ނިންމާލަން، މަޖިލީހުގައި މެމްބަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

