މިހާރު ފެށިފައިމިވަނީ އެމްޑީޕީން ގެނައި އެންޓި ޑިފެކްޝަން ޤާނޫނަށް ޤާނޫނުއަސާސީން ބާރު ދިނުމުގެ މަސައްކަތްކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ ވިދާޅުވީ، މިދިޔަ ދައުރުގައި މަޖިލީހުގައި އުޅުއްވި މެމްބަރެއްގެ ޙައިސިއްޔަތުން މުޅި މި މައްސަލައިގައި ގިނަ ކަންތައްތަކެއް ހަނދާނަށް އަންނަ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރު، މިޒާތުގެ ކަންތައްތަކެއް ހިނގިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އޭރު މަޖިލިސް ތެރެއިން ބަޣާވާތެއް ގެނައުމަށް މަސައްކަތް ކުރި ކަމަށާއި، އެހެންކަމުން އޭރުން ފެށިގެން މިފަދަ އިސްލާޙުތަކެއްގެ މުހިއްމުކަން ފާހަގަވެފައިވާ ކަމަށެވެ، އެގޮތުން ވެރިކަމުގެ ބާރުތައް ގެއްލުވާލައި، ޤައުމީ ސަލާމަތަށް ގެއްލުން ލިބޭނެ ގޮތަށް މަޖިލީހުގެ ތެރެއިން ކަންކަން ކުރުމުގެ ފުރުސަތު އޮވެގެންނުވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ޤާނޫނުއަސާސީއަށް ބަދަލު ގެނެސްގެންވެސް އެންޓި ޑިފެކްޝަން ޤާނޫނުގައި ހުރި ކަންކަން ތަންފީޒުވާކަން ކަށަވަރު ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މަޖިލީހުގައި ރައްޔިތުންގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް ވެރިކަން ކުރާ ޕާޓީއަށް ދީފައިވާ ކަމަށާއި، އެހެންކަމުން އެކަމަށް ބަޔަކު ނުފޫޒު ފޯރުވުމުގެ ފުރުސަތު ދެވިގެންނުވާނެ ކަމަށެވެ. އަދި މިއީ ވަކި މިންގަނޑެއްގައި ތިއްބެވުމަށް މެމްބަރުންނަށްވެސް ބާރު އެޅޭނެ ކަމަކަށްވާނެކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއީ ކޮންމެހެންވެސް ގެންނަންޖެހޭ އިސްލާޙެއްކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
އެ އިސްލާޙުތަކަކީ މެމްބަރުންގެ ނަޒާހަތްތެރިކަމާއެކު ސުވާލު ނުއުފެދޭ މިންވަރަށް ކަންކަން ތަރުތީބުވެގެންދާނެ އިސްލާހުތަކެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއީ މަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ބޭނުންތެރި ކަމެއްކަމަށެވެ.
މީގެ ކުރިން އެމްޑީޕީން އެންޓި ޑިފެކްޝަން ޤާނޫނު ފާސްކުރިއިރުވެސް މި ވާހަކަތައް ތަކުރާރު ކުރިކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ޕީއެންސީން މިހާރު ކުރަމުން މިދާ މަސައްކަތަކީ އެންޓި ޑިފެކްޝަން ޤާނޫނަށް ޤާނޫނުއަސާސީން ބާރު ދިނުމުގެ މަސައްކަތް ކަމަށެވެ.
އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއަށް އޮތް ތާއީދު ފެނި އޭގެ ނުތަނަވަސްކަން އެމްޑީޕީގެ ތެރެއިން ފެންނަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

