ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ އައްޑޫ ހުޅުދޫ ދާއިރާގެ މުހައްމަދު ޝާހިދެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އިސްލާހު ކުރުން ވެސް ހިމެނެއެވެ.
މިދިޔަ ސަރުކާރުގައި އިންޑިއާއެކު އެކުލަވާލި އެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އެ ގައުމުގެ ސިފައިން ތިބުމަށް ޖާގަދޭކަމަށް ބުނެ އެކަމަށް އެންމެ ބޮޑަށް އަޑުއުފުލާފައި ވަނީ ޕީޕީއެމް/ޕީއެންސީ އެވެ. އެހެންވެ ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނުގައި ރައީސް މުއިއްޒު ވައުދުވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރާނީ ރާއްޖޭގައި ތިބި ސިފައިން ފޮނުވާލުމަށްކަމަށާއި އެއްބަސްވުންތައް ރިވިއު ކުރުމަށް ފަހު ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އެގްރިމަންޓުތައް ބާތިލު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މިއާއި އެކު ރާއްޖެ – އިންޑިއާ ދެމެދުވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ތިބިކަމަށް ބުނާ ސިފައިން އެއްކޮށް ފޮނުވާލާފައިވާކަމަށް ސަރުކާރުން ބުނެ އެވެ.
ބޭރުގެ ސިފައިން ރާއްޖޭގައި ހިންގާ ތަމްރީނަކަށް ފިޔަވައި އެހެން އެއްވެސް ސިފައެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ހަރަކާތްތެރި ނުވެވޭގޮތަށް އިސްލާހެއް ގެނައީ ވެސް މި ސަބަބުތަކާއި ހުރެއެވެ.
އިސްލާހު ގެނައި މާއްދާގައި ކުރިން އޮތީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަށް ދީގެން ނުވާނެކަމަށެވެ.
އަލަށް ގެނައި އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުން އަސްކަރީ ބޭނުމަށް ބޭނުން ކުރުމުގެ ހުއްދަ ދީގެން ނުވާނެކަމަށެވެ.
މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 78 މެމްބަރުން ވޯޓު ދެއްވާފައި ވަނީ އިސްލާހު ބަލައިގަތުމަށެވެ. އަދި 13 މެމްބަރަކު ބިލު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވި އެވެ. އެމްޑީޕީގެ މެމްބަރުންގެ އިތުރަށް ދެން އޭގެ ތެރޭގައި ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާނެވެ.

