ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓުގައި ފައިސާ ކަނޑައަޅައިފައިވާ މަޝްރޫއުތަކުގެ ތަފުސީލް ހިމެނުމަށް ޝަރުތުކޮށް، 56.6 ބިލިއަން ރުފިޔާގެ ބަޖެޓު، މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް މާބޮޑު ބަދަލެއް ނުގެނެސް، ކޮމިޓީން ފާސްކުރީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހުށަހެޅުއްވި ބައެއް ރިކޮމަންޑޭޝަންތަކާއި އެކުއެވެ.
ނާޒިމް ހުށަހެޅުއްވި ރިކޮމެންޑޭޝަންތަކަކީ ޕީއެސްއައިޕީގައި ހިމެނޭ މަޝްރޫއުތައް ހަމައަށް އަގުކޮށް ދެމެހެއްޓެނިވި ގޮތަކަށް ރާވައި އެ ޕްރޮގްރާމްތަކަށް އިސްކަން ދޭ ތަރުތީބެއް ކަނޑައެޅުމާއި، އަމަލީ މަސައްކަތް ފަށާ ޕީއެސްއައިޕީ މަޝްރޫއުތަކާއި އެ ޕްރޮގްރާމްތައް ރަށްތަކަށް ބެހިފައިވާ ގޮތުގެ ލިސްޓެއް އަންނަ ފެބްރުއަރީ މަހު މަޖިލީހަށް ހުށަހެޅުމެވެ. އަދި ސަރުކާރުން އެކި ފަރާތްތަކާއި އެކުވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކުރިޔަށް ދާނެ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހިންގަން ނިންމާފައިވާ ރަށްތައް މާޗު މަސް ނިމުމުގެ ކުރިން މަޖިލީހަށް އެންގުން ހިމެނެ އެވެ.
ނާޒިމްގެ ހުށަހެޅުންތަކުގެ ތެރޭގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތައް ހިނގަމުންދާ ގޮތުގެ ރިޕޯޓު އަންނަ އަހަރުގެ ކޮންމެ ކުއާޓާއަކަށް ހުށަހެޅުން ހިމެނެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ރީފޯމް ކުރާނެ ގޮތުގެ ތާވަލއް އެކުލަވާލުމަށް ވެސް ހުށަހެޅިއެވެ.
މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ އެވެ އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.
މި ހަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ އެވެ.
މީގެ ތެރޭގައި 5 އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް 1 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ޑެފިސިޓު ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތަކަމަށްވާއިރު، ބަޖެޓުގެ ޕްރައިމެރީ ޑެފިސިޓަކީ ޒަމީރު ވިދާޅުވި ގޮތުގައި 3.8 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 3.2 އިންސައްތަ އެވެ.
ހިނގަމުން މިދާ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ޒަމީރު ވިދާޅުވީ ބަޖެޓަކީ ތަންފީޒު ކުރުމަށް ތައްޔާރުވެފައި ނެތް އިސްލާހީ ފިޔަވަޅުތަކަށް ބިނާކޮށް އެކުލަވާލާފައިވާ، އަދި އެ ފިޔަވަޅުތަކާއި އެކު ވެސް އެކަށިގެންވާ ގޮތެއްގައި ޑެފިސިޓު ކުޑަ ކުރެވޭނެ ގޮތްތަކެއް ހިމެނިފައި ނުވާ ބަޖެޓެއް ކަމަށެވެ. މިއާއި އެކު މިއާއި އެކު މި އަހަރުގެ ބަޖެޓު ޑިސިޓު އިތުރުވެގެން ދިޔަ ނަމަވެސް ބަޖެޓު ވެގެން ދާނީ 2019 ވަނަ އަހަރުގެ، ފަހުން ޖީޑީޕީގެ ނިސްބަތުން އެންމެ ކުޑަ ބަޖެޓުކަމަށް ޒަމީރު ވިދާޅުވި އެވެ.
މީގެއިތުރުން ޒަމީރު ވިދާޅުވީ އިކޮނޮމިކް ރީފޯމް އެޖެންޑާގައި ހިމެނޭ ކަންކަމާއި އަދި ބަޖެޓުގައި ތަސައްވުރުކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް އެދެވޭ އަސަރުތަކެއް ކުރާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދު އިތުރުވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ދާއިރާތަކުގެ ކުރިއެރުމާއި އެކު ޒަމީރުގެ ލަފައަކީ އަންނަ އަހަރު ރާއްޖެ އިގްތިސާދު 6.4 އިންސައްތައިން ކުރިއެރުމެވެ.

