ދިވެހި ގައުމުގައި 2018، ފެބްރުއަރީ 1 ގައި ދިމާވި ހާލަތު ދެވަނަ ފަހަރަށް ތަކުރާރުވުމަށް ބޭނުން ނުވާކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީގައި ހިމަނައި ވަނީ ތަސްދީގުކޮށްފަ އެވެ. މިއަދުގެ ޖަލްސާއަށް ބިލުގެ ފުރަތަމަ ކިއުން އިއްވުމާއި އެކު އެމްޑީޕީ އެކަމަށް އިހުތިޖާޖު ކުރަމުން ދިޔައިރު، މަޖިލިސް ސަރަހައްދަށް ޕާޓީއަށް ތާއީދު ކުރާ ރައްޔިތުން ވެސް އެއްވިއެވެ. އަދި އެ ވަގުތު ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވެސް ނިކުމެ، ގާނޫނު ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ހުރަސް ނޭޅުމަށް ގޮވާލައި ކުރިމަތިލިއެވެ.
މިއަދު ހަވީރު ބިލު ފާސް ކުރުމާއި އެކު، ރައީސް ވަނީ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގު ކުރައްވާފަ އެވެ.
މަޖިލީހުގައި ކުރިޔަށް ދިޔަ މަސައްކަތްތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އައިފާން ވިދާޅުވީ، ރައްޔިތުންގެ މެދުގައި އަބަދުވެސް މެމްބަރުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ ހާލަތްތައް ދިމާވާކަމަށެވެ. މަޖިލިސް މެމްބަރުންނަކީ ފައިސާއަށް ވިކޭ ބައެއްކަމަށާއި، ރައްޔިތުންގެ މަންފާއަށް މާބޮޑު ސަމާލުކަމެއް ނުދޭކަމުގެ ޝަކުވާތައް ކުރާކަން އައިފާން ފާހަގަކުރެއްވިއެވެ.
އައިފާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ގެނެސްގެން ބޮޑެތި ހާޖާނުތައް ހިނގައިދިޔަކަމަށެވެ. ފްލޯ ކްރޮސްކުރިކަމަށް ނިންމައި 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުން، އެ މައްސަލަ ހިފައިގެން ކޯޓަށް ދިޔަ މެމްބަރުންގެ ތާއީދުގައި ނިކުތީ އެމްޑީޕީކަން ފާހަގަކޮށް އައިފާން ވިދާޅުވީ ގާނޫނު އުވާލައި އަނެއްކާ އެ ގާނޫނު ދެވަނަ ފަހަރަށް ގެނައީ ވެސް އެމްޑީޕީކަމަށެވެ.
އެންޓި ޑިފެކްޝަން ގާނޫނު އެމްޑީޕީ ބޭނުން ކުރަނީ އައިފާން ވިދާޅުވި ގޮތުގައި، އިދިކޮޅުގައި އޮންނައިރު ގާބޫލު ނުކުރާ ނިޒާމެއްގެ ގޮތުގައެވެ. އަދި ދައުރު ނިމުމާއި ގާތްވެފައި ވަނިކޮށް އެމްޑީޕީ އެންޓި ޑިފެކްޝަން ގާނޫނެއް އަނެއްކާވެސް އަވަސް އަރުވާލައިގެން ގެނައިއިރު ގައުމަށް މިހާރު ބޭނުން ވަނީ ސިޔާސީ ހަމަޖެހުންކަމަށް އައިފާން ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އޮތީ އެއްވެސް އުސޫލެއް ނެތި، ދޯހަޅި ގޮތަކަށްކަމަށާއި، އެއީ ދަތް ނެތް ސިންގާއެއް ފަދަ ގާނޫނެއްކަމަށް އައިފާން ވިދާޅުވިއެވެ. އެ ގާނޫނު އޮތީ ބޭނުންގޮތަކަށް މާނަ ކުރެވޭ ގޮތްކަށްކަމަށާއި، މިއަދު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ބިލަކީ އެންޓި ޑިފެކްޝަނަށް ހަގީގީ ގާނޫނީ ބާރު ދިނުންކަމަށް އައިފާން ވިދާޅުވިއެވެ.
އަޅުގަނޑުމެން ބޭނުމެއް ނުވޭ މި ރާއްޖޭގައި ދެވަނަ ފެބްރުއަރީ އެކެއް އަންނާކަށް.. އަޅުގަނޑުމެންނަށް ފެނިގެން ދިޔަ އޭރު ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ މަސްރަހު ހަލަބޮލިވެގެން ގޮސް އޭރު އެންޓި ޑިފެކްޝަން ގާނޫނު އައިސް ދެން ފެނިގެން ދިޔައީ ކުއްލި ގޮތަކަށް ފެބްރުއަރީ އެކެއްގައި އަމުރެއް ސުޕްރީމް ކޯޓުން ނެރުނުތަން.. އެހެންވީމަ މީގެ ސަބަބުން ކިހިނެއްތޯ ދިމާވީ، މީގެ ސަބަބުން މުޅި ގައުމުގެ ހަމަޖެހުން ގެއްލިގެން ދިޔައީ…
އައިފާން ވިދާޅުވީ އެފަދަ މަންޒަރުތައް ތަކުރާރުވުމުން މުޅި ރާއްޖޭގެ ރައްޔިތުންނަށް އަންނަ ތަރައްގީއަށް ހުރަސްއެޅޭކަމަށެވެ. އަދި މިއީ އަންނަ ކޮންމެ ވެރިކަމެއްގައި ކުޅޭކުޅޭ އެއްޗަކަށް ހެދުން ހުއްޓިގެން ދާނެކަމަށެވެ. އަދި ގޮނޑި ގެއްލޭނެތޯ ނުވަތަ ނޫންތޯ އުފައްދާ ސުވާލަށް ހަގީގީ ގާނޫނީ ޖަވާބެއް ވެސް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ”ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް“ އަންގާ ނެރުނު އަމުރެކެވެ. ނަމަވެސް އަ އަމުރަކީ ޣައިރު ގާނޫނީ އަމުރެއްކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުން އެ އަމުރު ތަންފީޒުކޮށްފައި ނުވެއެވެ.
އެ އަމުރުގައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައިވާ 13 ބޭފުޅަކު ދޫކޮށްލުމަށާއި، ފްލޯ ކްރޮސްކުރިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލިފައިވާކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ބޮޑު ލޮޅުމެއް ގެނުވި ފެބްރުއަރީ އެކެއްގެ އަމުރު ނެރެފައިވަނީ އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި، އަބްދުﷲ އަތީފު، އަލީ ހަމީދު އާއި، އާދަމް މުހައްމަދުގެ އިތުރުން ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
އެ އަމުރުގެ މައްސަލައިގައި ރައީސް ޔާމީން ރާއްޖޭގައި ސްޓޭޓް އޮފް އިމެޖެންސީ ވެސް އިއުލާނު ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުން 2018، 25 ޖުލައި ގައި ފަހުން ބާތިލު ކުރިއެވެ.

