ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރި ގޮތުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދިޔަ ކަމީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. ހާއްސަކޮށް މެންބަރުން އިންތިހާބުވި ގޮތް ނޫން އެހެން ގޮތްތައް އިޙްތިޔާރު ކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ހައްލު ބޭނުން ވެފައިވާ މައްސަލައެކެވެ.
ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރެވެނީ ދެ ގޮތަކަށެވެ. އެއީ ސިޔާސީ ޕާޓީ ތަމްސީލު ކުރުމަށާއި އަމިއްލަ ގޮތުންނެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ޢަމަލު ކުރަނީ މިގޮތަށެވެ. މިއީ ޑިމޮކްރަސީގެ އަސާސްތަކުގެ ތެރެއިން އެއް އަސާސެވެ.
ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމެވެ. މަޖިލީހުގެ މެންބަރުން މަޖިލީހުގައި ވޯޓު ދިނުމުގައި ޢަމަލުކުރަންޖެހޭނީ ރައްޔިތުންގެ މަޞްލަޙަތަށް އިސްކަންދީގެންނެވެ.
މެންބަރުން އިންތިޚާބުވި ގޮތް ނޫން އެހެން ގޮތަކަށް ޢަމަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ޤާނޫނީ ޙާލަތު ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ތަފާތެވެ. ބައެއް ޤައުމުތަކުގައި މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. އަނެއްބައި ޤައުމުތަކުގައި މެންބަރަކަށް އަމިއްލަ ގޮތުން ވިސްނުމުގެ މިނިވަންކަން ލިބިދީފައިވެއެވެ. ނަމަވެސް މަޖިލީހުގެ މެންބަރުން އިންތިޚާބުވި ގޮތް ނޫން އެހެން ގޮތަކަށް ޢަމަލުކުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފު ކަމެއްކަން އެންމެން ވެސް ގަބޫލު ކުރެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި، ޤައުމުގެ ސިޔާސީ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާކޮށް، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، މަޖިލީހުގެ މެންބަރުން އެމީހުން އިންތިޚާބުވި ގޮތަށް ޢަމަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަން ޔަޤީންކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއެކު، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މެންބަރުން އިންތިހާބުވި ގޮތް ނޫން އެހެން ގޮތެއް އިޙްތިޔާރުކުރުން ހުއްޓުވުމަށް ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް ގެނުވުނު ބަދަލުތައް
ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރަން ފެށި ދަތުރުގެ ތެރެއިން އެކިއެކި އިންތިހާބުތަކާއި ދިމާކޮށް ރައްޔިތުންގެ ކަންބޮޑުވުން އޮންނަ އެންމެ ބޮޑު މައްސަލައަކީ މަޖިލީހުގެ މެންބަރުން އެ މީހުން އިންތިހާބު ކުރާ ގޮތް ނޫން އެހެން ގޮތެއް އިޙްތިޔާރުކުރާ މައްސަލައެވެ. އެ މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ ވެސް ކަންބޮޑުވުން އޮތް ހައްލު ބޭނުންވާފައިވާ މައްސަލައެކެވެ. މި މައްސަލަ ހައްލު ކުރުމުގެ ގޮތުން “ އެންޓި ޑިފެކްޝަންގެ ގާނޫނު” ގެ ނަމުގައި މިއަހަރު ރައްޔިތުންގެ މަޖިލީޙުން ގާނޫނެއް ފާސްކޮށް އަމަލު ކުރަން ފެށިއެވެ. މި ދެންނެވި ގާނޫނަކީ ހަމައެކަނި މަޖިލީހުގެ މެންބަރުންނަށް އެކަނި އަމާޒުކޮށް ހެދި ގާނޫނެއް ވެސް ނޫނެވެ. އަދި މިއީ ރާއްޖޭގައި އެންޓި ޑިފެކްޝަންގެ ގާނޫނެއް ފާސްކޮށް އަމަލު ކުރަން ފެށި ފުރަތަމަ ފަހަރެއް ވެެސް ނޫނެވެ. އަޅުގަނޑުގެ މި ޙިޔާލުގައި އެ ވާހަކަ ދޫކޮށްލާނަމެވެ.
ކޮންމެއަކަސް ދެވަނަ ފަހަރަށް ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނަކީ ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓ-ިޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކ،ު އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި- އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.
އެންޓ-ިޑިފެކްޝަން ގާނޫނުގެ މަގްސަދުތަކަކީ
(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން އެ އިންތިހާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދ،ި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން.
(ށ) މި ގާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމާއެކު، ބައި-އިލެކްޝަން ބޭއްވުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުން.
(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެންބަރުކަމުން އިސްތިއުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ހައްގު ލިބިދިނުން.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ ހާލަތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތައް
(ހ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން.
(ށ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން.
(ނ) މެންބަރަކު އިންތިހާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށްވެފައި، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ، އެ ދުވަހަކުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޕާޓީގެ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވެއެވެ. އަދ،ި އެ މެންބަރަކު ޕާޓީން ވަކިކޮށްފައިވަނީ ރަނގަޅަށްކަމަށް ކޯޓުން ނިންމައިފިނަމަ އެ މެންބަރަކު އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މެންބަރަކު ޕާޓީއަކުން ވަކިކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅާފައިނުވާނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން.
(ބ) އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން.
މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިހާބުވި ގޮތް ނޫން އެހެން ގޮތެއް އިޙްތިޔާރު ކުރުން ހުއްޓުވުމަށް އެންޓި ޑިފެކްޝަންގެ ގާނޫނު ގެނައުމަކީ މައްސަލައަށް ހައްލު ލިބެން އޮތް ކަމެއް ނޫނެވެ. ސަބަބަކީ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކެއް ނުގެނެވޭނެކަން ސްޕްރީމް ކޯޓަށް މީގެކުރިން ހުށަހެޅި މި ބާވަތުގެ މައްސަލަތަކުގެ ނިންމުންތަކުން ސާފުވާތީއެވެ.
މެންބަރުން އިންތިހާބުވި ގޮތް ނޫން އެހެން ގޮތެއް އިޙްތިޔާރު ނުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އިންތިހާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކ،ު ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދ،ި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުމަށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ގަނައުމުގެ އިތުރަށް ގާނޫނުއަސާސީއަށް ވެސް މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެއް އިތުރުކުރިއެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.
(ބ) ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އަންނަނިވި ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.
- ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
- އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
ގާނޫނީ އޮނިގަނޑަށް ގެނައި ބަދަލުތަކާއިއެކު މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ބުރަދަނެއް ނެތް
ރައްޔިތުންގެ މަޖިލީޙުގެ މެންބަރުން އިންތިހާބުވި ގޮތް ނޫން އެހެން ގޮތެއް އިޙްތިޔާރު ކޮށްފިނަމަ ގޮނޑި ގެއްލޭނެ ގާނޫނީ އޮނިގަނޑެއް ގެނައުމާއިއެކު ދައްކަމުންދާ އެއް ވާހަކައަކީ މެންބަރުންނަށް މިނިވަން ކަމާއިއެކު މަޖިލީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލިގެން ދިޔަ ކަމުގެ ވާހަކައެވެ. ހާއްސަކޮށް ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށް މިނިވަން ކަމާއިއެކު މަޖިލީހުގެ މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލިގެންދިޔަ ވާހަކައެވެ. ޕާޓީގެ ވިޕާއި ހިލާފަށް ތަޅުމުގައި ވޯޓު ދީފިނަމަ ގޮނޑި ގެއްލޭނެ ވާހަކައެވެ. ސުވާލަކީ ހަމަ ހަގީގަތުގައި ވެސް ކަން އޮތީ އެގޮތަށްތޯއެވެ؟
އަޅުގަނޑުގެ ޙިޔާލުގައި އެންޓި ޑިފެކްޝަންގެ ގާނޫނަށް އިތުރަށް ބާރު ދިނުމުގެ ގޮތުން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެތަކުގެ ސަބަބުން މަޖިލީހުގެ މެންބަރުންނަށް މިނިވަންކަމާއިއެކު މަޖިލީހުގައި މަސައްކަތް ކުރުމަށް ހަމަ އެއްވެސް ހުރަހެއް ނެތެވެ. އަދި މަޖިލީހުގައި ދައްކަވާ ވާހަކަފުޅެއްގެ ސަބަބުން ނުވަތަ ވޯޓުދޭ ގޮތެއްގެ ސަބަބުން ޕާޓީން ވަކިކުރިނަމަވެސް ގޮނޑި ގެއްލިދާނެ ކަމަކަށް ނުދެކެމެވެ. ބައެއް ގާނޫނީ ސަބަބުތައް ދަންނަވާލާނަމެވެ.
އެންމެންވެސް ގަބޫލު ކުރާ ގާނޫނީ އެއް އުސޫލަކީ ގާނޫނުއަސާސީއާއި ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން މީހަކު އަމަލު ކޮށްގެން އެ މީހަކަށް އެއްވެސް އަދަބެއް ނުދެވޭނެކަމެވެ. އެގޮތުން ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރާންވާނެއެވެ.
މީގެއިތުރުން ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ {ހ} ގައި ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފް ނުވާ ގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެއެވެ.
ގާނޫނުއަސާސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ވެސް މެންބަރުންނަށް ލިބިފައިވާ ބާރުތަކާއި ހައްގުތައް ސާފުކޮށް ކަށަވަރު ކޮށްދީފައިވެއެވެ. އެގޮތުން ގާނޫނުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެމަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް ނުވަތަ އެއްވެސް އެހެން މުއައްސަސާއަކަށް އެ މެންބަރަކު ހާޒިރުކޮށް ނުވަތަ އެ މެންބަރަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ސުވާލެއްކޮށް ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ ދައުވާއެއްކޮށް ހަދައިގެން ނުވާނެއެވެ.
ނިންމާލުމުގެ ގޮތުން ދަންނަވަން ޖެހެނީ، މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ ޤާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކުގެ ސަބަބުން، އެމީހުންނަށް މިނިވަންކަމާއެކު މަޖިލީހުގައި މަސައްކަތްކުރުމުގެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ލިބިގެންވާ ކަމެވެ. އެހެންކަމުން، އައު ޤާނޫނީ އޮނިގަނޑުގެ ސަބަބުން މެންބަރުންގެ މިނިވަންކަން ގެއްލިގެންދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫނެވެ.

