ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރުކުރުމަށް ނެރުނު އަމުރަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ނެތަންޔާހޫ އާއި އިސްރާއީލުގެ ދިފާރީ ވަޒީރު ޔޯވް ގަލަންޓު ހައްޔަރުކުރުމަށް އަމުރު ނެރުމާއިއެކު ކެނަޑާ ފަދަ ގައުމުތަކުންވަނީ އެ އަމުރު ތަންފީޒުކުރާނެކަމުގެ ޔަގީންކަންދީފައެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ އެކަމާއި ގުޅިގެން ސޯޝަލްމީޑިއާގައި އުފާ ފާޅުކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ފަލަސްތީނުގެ ހިމާޔަތުގައި އައިސީސީއިން ނިންމާފައިވާ ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށާއި އެކަމަކީ ހަނގުރާމައިގެ ތެރެއިން ހިންގާ ކުށްތަކާއި އިންސާނީ ދަރިފަސްކޮޅާއި ދެކޮޅަށް ހިންގާ ބޮޑެތި ޖަރީމާތަކުގައި ޒިންމާވާ މީހުން ޖަވާބުދާރީކުރެވިގެންދާޚަން ޔަގީންކުރުމާއި ދިމާލަށް އެޅިފައިވާ މުހިންމު ފިޔަވަޅެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން އައިސީސީގެ ނިންމުމަށް އިހުތިރާމްކުރާކަމަށާއި ކޯޓުގެ ނިންމުންތަކަށް ތަބާވެ އެކަންކަން ތަންފީޒުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތައް ނަގަހައްޓައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބިގެންދާކަން ކަށަވަރުކުރުމަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަންކަން ކަމަށެވެ.

