ޑައިރެކްޓް ޑިމޮކްރަސީ އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގެ ގޮތުން ރިކޯލް ރިފެރަންޑަމްއެއް ތައާރަފުކޮށް އިންތިހާބީ މެމްބަރުކަމުން ވަކި ކުރުމުގެ ބާރު އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް ލިބިދޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެވެން ޖެހޭކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ދީދީ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އިންތިހާބުވި ޕާޓީ ދައުރުގެ މެދުތެރެއިން ދޫކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައެވެ.
ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ގާނޫނުއަސާސީއަށް ހުށަހެޅި އެ އިސްލާހު، އެ ދުވަހު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ވެސް ކުރައްވާފަ އެވެ.
އަވަސް އަރުވާލައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ، ރަނގަޅު ޕްރެކްޓިސްއެއް ނޫންކަން ފާހަގަކުރައްވައި ދީދީ ވިދާޅުވީ އިސްލާހުގައި އެންޓި ޑިފެކްޝަން އާ ގުޅޭގޮތުން ކަނޑައަޅައިފައިވާ ނައްސުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ”ރައްޔިތުންގެ ބާރު“ ނުވަތަ ނުވަތަ ”ރައްޔިތުންގެ ސިޔާދަތު“ ގެއްލޭގޮތަށް ފަރުމާކުރެވިފައިވާ ނައްސުތަކެއް ކަމަށެވެ. ދީދީ ވިދާޅުވީ ރައްޔިތުންގެ ސިޔާދަތުގެ މަބްދައަކީ އެ މަބްދައާ ހިލާފަށް ގާނޫނުއަސާސީއަށް ވެސް ބަދަލު ނުގެނެވޭނޭ ”ސޫޕްރާ ކޮންސްޓިޓިއުޝަނަލް“ ޕްރިންސިޕަލް އެއްކަމުން، އެ މަބްދައާ ތައާރުޒުވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހު ކުރުމުގައި ކަނޑައެޅޭ ކޮންމެ ނައްސަކީ އެއަށް ”ކޮންސްޓިޓިއުޝަނަލް ލެޖިޓިމެސީ“ ލިބިގެންވާ ނައްސެއްކަމުގައި ނުބެލެވޭނެކަމަށެވެ.
ދީދީގެ ޕޯސްޓުގައި ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ، މަލްޓި ޕާޓީ ސިސްޓަމްގައި ފްލޯ ކްރިސިންގ މަނާކުރުމުގެ ގޮތުން ގާނޫނުތަކެއް ހެދިފައިވީ ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނު ކުރިއަރާފައިވާ ޑިމޮކްރަސީގައި ބަލައިނުގަތުމެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނު ތަތްބީގު ކުރާ ބައެއް ނިޒާމުތަކަކީ ބަރުލަމާނީ ނުވަތަ ސެމީ ބަރުލަމާނީ ނިޒާމަކަށްވާއިރު އޭގެ މައިގަނޑު މަގްސަދަކީ އެފަދަ ނިޒާމުތަކުގައި ޕާލިމަންޓްރީ މެޖޯރިޓީ ގެއްލުމުގެ ސަބަބުން ސަރުކާރު ދެމިއޮތުމަށް ހުރަސްޅިދާނެތީ އެކަމަށް ހައްލު ހޯދުންކަމަށް ފާހަގަކުރެއްވި އެވެ.
ދީދީ ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ފަދަ ރިޔާސީ ނިޒާމެއްގައި ސަރުކާރު އުފަންވަނީ ރައްޔިތުންގެ މަޖިލީހުންކަމުގައި ނުވާއިރު ރައްޔިތުންގެ މަޖިލިސް މެޖޯރިޓީއާއިއެކު ސަރުކާރު ވުޖޫދާއި އަދި ދެމިއޮތުމާއި ދެމެދު އޮންނަން ޖެހޭ އެއްވެސް ދުސްތޫރީ ގުޅުމެއް ނެތްއިރު އެންޓި ޑިފެކްޝަންގެ އުސޫލުތަކެއް ކަނޑައެޅިގެން ދިއުމުން ރައްޔިތުންގެ މަޖިލީހަކީ ގާނޫނުއަސާސީން މަތިކޮށްފައިވާ އިހުތިސާސްތައް ފުރިހަމަޔަށް އަދާކުރާ ބާރެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އަންނަކަމަށެވެ. އަދި މަޖިލިސް ޑިސްފަންކްޝަނަލް ބާރަކަށް ބަދަލުވެގެން ދިއުމުގެ އިހުތިމާލް ބޮޑުކަމަށް ވެސް ވިދާޅުވި އެވެ.
އިތުރު ނުކުތާއެއްގެ ގޮތުގައި ދީދީ ވިދާޅުވީ އެބްނޯމަލް އިޖްރާއާތު ތަކެއްގެ ދަށުން ޤާނޫނުއަސާސީ އަށް އިސްލާހު ގެނައުމަކީ ތަހްޒީބު މުޖުތަމައެއްގައި ކަން ހިނގައިގެންވާނެ ގޮތްކަމުގައި ނުވާއިރު، މިއީ ބެސްޓް ޕްރެކްޓިސްއާއި ހިލާފަށް ކުރެވުނު މަސައްކަތެއް ކަމަށެވެ. އަދި އެއް ދުވަސް ތެރޭގައި އިސްލާހު ހުށަހަޅައި، އިސްލާހަށް ބަހުސްކޮށް އިސްލާހު ފާސްކޮށްފައި ވަނީ ދީދީ ވިދާޅުވި ގޮތުގައި ނޭދެވޭ ނުފޫޒުގައި ޖެހުން ފިޔަވައި އެހެން އެއްވެސް ޟަރޫރަތެއް އޮވެގެންކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މީގެއިތުރުން ޑައިރެކްޓް ޑިމޮކްރަސީ އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގެ ގޮތުން ރިކޯލް ރިފެރަންޑަމްއެއް ތައާރަފުކޮށް އިންތިހާބީ މެމްބަރުކަމުން ވަކި ކުރުމުގެ ބާރު އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް ލިބިދިނުމާއި އެކު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މުހިންމުކަން މިހާރު އިތުރުވެފައިވާކަމަށް ވިދާޅުވި އެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ގާނޫނުއަސާސީއަށް އިތުރު ހަތަރު އިސްލާހެއް ވެސް ގެނެވުނެވެ. އަދި އެ ބަދަލުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އެންޓި ޑިފެކްޝަން އިސްލާހަށް ވެސް ވާހަކަ ދެއްކެވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އެންޓި ޑިފެކްޝަން ގާނޫގީޤީއަށް ކުރު މެދު އަދި ދުރު ރާސްތާގެ ޕްލޭންތައް ހެދުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ގޮސްފައިވާކަމަށެވެ.

