ބޭރުގެ އެހީތެރިކަމާއެކު މި އަހަރު ތެރޭގައި ދަނޑުވެރިކަމުގެ ތިން މުހިންމު މަޝްރޫޢެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
1. ”ދަނޑުވެރި މަންފާ“ ޕްރޮގްރާމްގެ ދަށުން، ހއ، ހދ، އަދި ށ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން، ގްރީންހައުސްތަކުގައި ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމުކުރުމަށް 10 މިލިއަން ރުފިޔާގެ މެޗިންގ ގްރާންޓް ޕްރޮގްރާމެއް 2024 ގައި ތަޢާރަފުކުރެވުނެވެ.
2. ހުޅުމާލޭ އެގްރިކަލްޗަރ ސެންޓަރުގައި މިރުހުގެ އައު ވައްތަރެއްގެ ދިރާސާ މަސައްކަތް 2023 ގެ ޑިސެންބަރު މަހުން ފެށިގެން ކުރިއަށް ގެންދެވުނެވެ.
3. 12 ރަށެއްގައި ގްރީންހައުސް އަޅައި، ކޮކޯޕީޓްގައި ކިއުކަންބާ އަދި މެލަން އިންދުމާބެހޭ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުނެވެ. މީގެއިތުރުން، އިތުރު 5 ރަށެއްގައި ގްރީންހައުސް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމުގެ ރަނގަޅު އާދަތައް ކުރިއެރުވުމާއި، ކެމިކަލް ބޭނުންކުރުން މަދުކުރެވޭނެ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން، ”ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް“ ގެ މިންގަނޑުތަކަށް ފެތޭގޮތަށް ދަނޑުތައް ސެޓިފައިކުރުމަށް ވަނީ އަމާޒުހިފާފައެވެ.
2024 ވަނަ އަހަރު، ށ. ގޮއިދޫ އަދި ހދ. ވައިކަރަދޫގައި، ކޮންމެ ރަށަކުން 20 ދަނޑުވެރިން ހިމެނޭ ގޮތަށް ގްރޫޕްތަކެއް އެކުލަވާލައި، ސެޓިފިކޭޝަން ޕްރޮސެސްއަށް ދަނޑުތައް ތައްޔާރުކޮށް، ދަނޑުވެރިންނަށް މި ކަމުގައި އަހުލުވެރިކަން އިތުރުކޮށްދެވުނެވެ.

