ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ޤާނޫނީ ލިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވާ ގޮތަށް ބަދަލު ގެންނެސްފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދި ދައުލަތުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން ފޮނުވާ ޤާނޫނީ ލިޔުންތައް އޮފީހަށް ފޮނުވުމުގައި ޢަމަލުކުރަމުން ދާގޮތަށް މިއަދުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދި ޤާނޫނީ ލިޔުންތައް ފޮނުވާނީ ލީގަލް އެފެއާރސް ގެ އީމެއިލް އަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުވާ ލިޔުމެއްގައި އިޞްލާޙުކުރަންޖެހޭ ކަމެއް ހުރިކަމަށްވާނަމަ އެ ކަންކަން އިޞްލާޙުކުރުމަށްފަހު ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެންމެ ފަހުގެ ލިޔުން ފޮނުވާއިރު ދައުލަތުގެ ރަސްމީ ލިޔުންތަކުގައި ސޮއިކުރެއްވުމާއި ސިޓީ އެޑްރެސްކުރެއްވުމުގައި އޮންނަ ގޮތަށް އެ ވުޒާރާގެ ވަޒީރު ނުވަތަ އެ ވަގުތަކު އެ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާއެކުގައިކަމަށް ވަނީ ބުނެފައެވެ.
ދައުލަތުގެ އެކިއެކި ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިންގަމުންދާ މުއައްސަސާތައް ފިޔަވައި ދައުލަތުގެ އެހެން އިދާރާތަކާއި މުއައްސަސާތަކުން ގެޒެޓުގައި ޝާއިއުކުރުމަށް ފޮނުވާ ލިޔުންތަކުގައި އެވަގުތަކު އެތަނަކާއި ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްގެ ސޮޔާއިއެކު ފޮނުވުމަށް ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ގެޒެޓުގައި ޝާއިއު ކުރުމަށް ލިޔުން ފޮނުވާއިރު އޭޖީގެ ޤާނޫނީ ލަފާ ހޯދަންޖެހޭ އިދާރާތަކުން އެ ގޮތަށް އަމަލުކޮށ އޭޖީގެ ލަފަޔާއިއެކު ލިޔުން ފޮނުވުމަށެވެ. އަދި ލިޔުންތައް ފޮނުވާއިރު ބަހުގެ ހަމަތަކަށާއި ޤާނޫނީ ހަމަތަކަށް ރަނގަޅަށް ބަލައި ކުށް ފިލުވުމަށްފަހު ލިޔުންތައް ޝާއިއުކުރަން ވަނީ ބުނެފައެވެ.

