ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލައަށް ތަދައްޚުލުވުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅައި ފާސް ކުރި އިސްލާހަކީ، ގާނޫނުއަސާސީއާއި ހިލާފު މާއްދާތަކެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް މައްސަލައެއް ވެއްދީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިނެވެ.
މައްސަލައަށް ތަދައްހުލުވުމަށް ނިންމައި އެމްޑީޕީ އާންމު ކުރި ބަޔާނުގައި ބުނީ، މިދިޔަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ގާނޫނުއަސާސީގެ ބާރު ކެންޑިގެން ދާގޮތަށް ގެނެވުނު އިސްލާހެއްކަމަށެވެ. އަދި މިއީ ގާނޫނުއަސާސީއާއި މުޅި ދިވެހި ދައުލަތް ބިނާވެފައިވާ ޑިމޮކްރަސީގެ އަސާސީ ހަމަތަކާއި ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކުރުމުގައި މީގެ ކުރިން އަމަލު ކުރަމުން ގޮސްފައިވާ އުސޫލުތަކާއި ހިލާފަށް ގެނެސްފައިވާ އިސްލާހެއްކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީ ބުނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށް ގާނޫނުއަސާސީގެ 04 ވަނަ މާއްދާގައި ބަޔާންކުރާކަމަށެވެ. އެހެން ނަމަވެސް އެ މާއްދާއަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރުމެއް ނެތި، އަދި ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރާނެ މަންދޫބަކު ހިޔާރު ކުރުމަށް ލިބިދޭ ހައްގު ގެއްލިގެން ގޮސްފައިވާކަމަށް ވަނީ ބުނެފަ އެވެ.
އަލީ ހުސެއިން ހުށަހެޅުއްވި މައްސަލައަށް މަރުހަބާ ކިޔައި، އެ ޕާޓީން ނިންމާފައި ވަނީ މައްސަލައަށް އެމްޑީޕީ ތަދައްހުލުވުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ގެނައި އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތައް ބާތިލު ކުރުމަށް މައްސަލަ ހުށަހެޅީ އެމްޑީޕީ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި އަލީ ހުސެއިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

