ގަވައިދާ ހިލާފަށް ދިވެހިރާއްޖެ އައިސް އުޅެނިކޮށް ހދ. އަތޮޅު ސަރަހައްދުން ފެނުނު ބޭރުގެ ބޯޓަކުން 400 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ހދ. މަކުނުދޫ ބޭރުން ފެނުނު އެ މަސްބޯޓު ނިސްބަތްވަނީ ސްރީލަންކާއަށް ކަމަށެވެ.
ބޯޓު ހިފެހެއްޓި އިރު، އޭގައި ތިބި ފަސް މީހުން ވެސް ނިސްބަތް ވަނީ އެ ގައުމަށެވެ.
މިއީ ތަހުގީގުގެ ކުރީކޮޅުކަމަށްވުމާއި އެކު މަސްތުވާތަކެއްޗާއި އެކު އެ މީހުން ރާއްޖެ ސަަރަހައްދަށް އިތުރުވީ ދިވެހިންތަކަކާއި ގުޅިގެންކަން ނުވަތަ ނޫންކަން ކަށަވަރު ނުވާކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަހުގީގަށް ލިބޭ މައުލޫމާތުތައް، މީޑިއާތަކަށް ހިއްސާ ކުރަމުންދާނެކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި އެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ 468.6 ކިލޯއަށް އަރަ އެވެ. ރޭ ދަންވަރު ފެނުނު މި ބޯޓުގެ މައްސަލަ ތަހުގީގު ކުރަން ފަށައި، މިހާރު ވަނީ ހދ. ކުޅުއްފުއްޓަށް ގެންގޮސްފަ އެވެ. އެއަށް ފަހު ބޯޓު ބަލައި ފާސް ކުރުމުގެ ތެރޭގައި ފެނިފައި ވަނީ 344 ކިލޯގެ މެތު، 124.6 ކިލޯގެ ކޮކެއިނެވެ.
ޝުޖާއު ވިދާޅުވީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

