ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި، ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ދައުރު ދަންމާލަން މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިސް ގަވައިދު ބުނާ ގޮތުގައި، އަމީން އާންމުއާއި ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އާމްސްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމުގައި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ވާނެ އެވެ. އަދި ގަވައިދުގެ 18 ވަނަ މާއްދާގެ (ރ) ގައި ވަނީ މަގާމުތަކުން އެއްވެސް ބޭފުޅަކު ވަކި ނުކުރާހާ ހިނދަކު ނުވަތަ އިސްތިއުފާ ދެއްވާފައި ނުވާނަމަ ދެން އަންނަ މަޖިލީހަކު ވަކި ގޮތެއް ކަނޑަނާހާ ހިނދަކު އެ މަގާމުގައި ދެމި ހުންނާނެކަމަށް ބުނެއެވެ.
މަޖިލީހުގެ ރިޔާސަތުން ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވީ 19 ވަނަ މަޖިލީހުން ވެސް އަމަލު ކުރައްވާފައިވާ ގޮތަށް މިހާރު ވެސް މަގާމުގައި ތިއްބެވި ތިން ބޭފުޅުން މަގާމުގައި ދެމި ތިބުމާއި މެދު ވޯޓަށް އެހުމަށެވެ.
މިއަދު ނެގި ވޯޓުގައި ވަނީ ނިއުޝާއާއި، ފިލްޒާގެ އިތުރުން ސާޖެންޓް އެޓް އާމްސް ތޮލްހަތު ހަސަންގެ ދައުރު ދަންމާލާފަ އެވެ.

