މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފުކުރި ”އިމިގްރޭޝަން ވޮޗް“ ޕްލެޓްފޯމަށް 900 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުގެ އަހަރީ ހިސާބުތަކުން ދައްކާގޮތުގައި ”އިމިގްރޭޝަން ވޮޗް“ އަށް މިހާތަނަށް 966 މައްސަލަ ހުށަހެޅިފައިވެއެވެ. ޤަވާޢިދާ ޚިލާފަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށް މި އޮންލައިން ޕްލެޓްފޯމް ތަޢާރަފުކުރެވުނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.
ވޭތުވެދިޔަ އަހަރުދުވަހުގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ފާހަގަކޮށްލެވޭ ހައްލުތަކެއް ގެނެވިފައިވެއެވެ. މިގޮތުން، ޓާސްކް ފޯހުން ބިދޭސީންނަށް އަމާޒުކޮށްގެން ގިނަ އޮޕަރޭޝަންތަކެއް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެއެވެ. މި އޮޕަރޭޝަންތަކުގައި 200 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވެ، މާލެ އާއި ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި އިންސްޕެކްޝަންތައް ހިންގައެވެ.
މި އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން 5,012 ބިދޭސީން ރާއްޖެއިން ފުރުވާލެވި، 1,300 އަށްވުރެ ގިނަ ތަން ބަލައި ފާސްކުރެވިފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ އަދި ސައްޙަ ވިސާއެއް ނެތި އުޅޭ ބިދޭސީން ދެނެގަތުމަށް ކުރެވޭ މަސައްކަތްތައް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިހާރުވެސް މާލެ ސަރަޙައްދުގެ ރަށްތަކުގައި މި އޮޕަރޭޝަންތައް ފެށިފައިވެއެވެ.

