ރައްޔިތުންގެ މަޖިލީހުގެ ކުރީިގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމަކީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓުުތަކެއް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. މި އަޑުއެހުމުގައި ހާޒިރުވި ހެކިވެރިޔާއަކީ އެ ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރެވެ.
އޭނާ ވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓުތަކާއި، އެކައުންޓުތައް އަދި މާލީ ގުޅުންތައް ދިރާސާކޮށް ދެނެގަތުމުގެ މަސައްކަތް ކޮށްފައެވެ. އަދި މި ޙަމަލާއާ ގުޅިގެން އެއްވެސް މާލީ މަންފާއެއް ލިބިފައިވޭތޯ ބެލުމަށް އެކައުންޓް ސްޓޭޓްމަންޓުތައް ދިރާސާ ކުރުމުުގެ މަސައްކަތްވެސް އޭނާ ވަނީ ކޮށްފައެވެ. އެކަމަށްޓަކައި ބޭންކުން ހުޅުވާފައިވާ އެކައުންޓުތަކުުގެ މައުލޫމާތާއި، މީރާ އަދި ޓްރާންސްޕޯޓުން ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށްފައިވެއެވެ.
ހެކިވެރިޔާ ވިދާޅުވީ، މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާމެދު ފައިސާގެ މުއާމަލާތްތައް ހިންގާފައިިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި 50 ރުފިޔާ، 180 ރުފިޔާ އަދި 1155 ރުފިޔާ، 52 ރުފިޔާ ޓްރާންސްފަރ ކޮށްފައިވާކަން ހެކިވެރިޔާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، މަނީ ލޯންޑަރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުން ފަދަ އަމަލެއް މި މުއާމަލާތްތަކުން ފާހަގަވެފައިނުވާކަމަށްވެސް ހެކިވެރިޔާ ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ.
ހެކިވެރިޔާ ވިދާޅުވީ، މާލީ މުއާމަލާތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވުނު އެއް މުއާމަލާތަކީ ސައިކަލު މަރާމާތު ކުރުމަށް ބަންގްލަދޭޝް ރައްޔިތަކަށް ޓްރާންސްފަރ ކޮށްފައިވާ 180 ރުފިޔާ ކަމަށެވެ.
ހެކިވެރިޔާ ވިދާޅުވީ، 17 މާރޗު 2021 ގައި 180 ރުފިޔާ އިސްހާޤުގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން ތަހުމީނަށް ޓްރާންސްފަރ ކުރި ކަމަށާއި، ތަހުމީނުގެ އެކައުންޓުން 180 ރުފިޔާ ނާޒިމަށް ޓްރާންސްފަރ ކޮށްފައިވާކަމަށެވެ. އަދި ނާޒިމްގެ އެކައުންޓުން ސައިކަލު މަރާމާތު ކޮށްދިން ބިދޭސީގެ އެކައުންޓަށް 180 ރުފިޔާ ޓްރާންސްފަރ ކޮށްފައިިވާކަން އެނގިގެން ދިޔަކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.
ނަމަވެސް ފައިސާ ފޮނުވިއިރުވެސް ނާޒިމްގެ އެކައުންޓުގައި ފައިސާ ހުރިކަން ދިފާއުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެކިވެރިޔާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ ފައިސާއަކީ ”ރީއެމްބަރސްމަންޓް“ ފައިސާއެއްކަމަށް ބެލެވޭކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.
ހެކިވެރިޔާ ވިދާޅުވީ، ތަހުމީނުގެ އެކައުންޓުން 180 ރުފިޔާ ނާޒިމަށް ޓްރާންސްފަރ ކޮށްފައިވަނީ ނާޒިމް ބިދޭސީ މީހާއަށް ފައިސާ ދެއްކި ފަހުން ކަމަށެވެ. އެހެންކަމުން އެއީ ރީއެމްބަރސްމަންޓެއްކަމަށް ބެލެވޭކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ
ނަމަވެސް އެ ނުކުތާ ރިޕޯޓުގައި ހިމަނުއްވާފައި ނުވާނެކަމަށް ދިފާއުން ސުވާލު ކުރުމުން ހެކިވެރިޔާ ފާހަގަ ކުރެއްވިއެވެ.
އެހެންވެ ދިފާއުން ވަނީ އެފަދަ ހޯދުންތައް ރިޕޯޓުގައި ނުހިމަނާ ދޫކޮށްލަނީ ކޮން އުސޫލަކުންތޯ ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި ހެކިވެރިިޔާ ވިދާޅުވީ، މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ މައްސަލައާ ގުޅުންހުރި ފަރާތްތަކަށް މައްސަލައާ ގުޅޭ މާލީ މަންފާއެއް ލިބިފައިވޭތޯ ބެލުމަށް ކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.
މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންގެ ހެކިބަސް ނެގުމަށް ތާވަލު ކުރެވިފައިވެއެވެ.

