އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 2024 ނޮވެންބަރު 25 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 53 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުގެ ދަށުން، ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރާ އުސޫލަށް ވަނީ ބަދަލުގެނެވިފައެވެ. މި އިސްލާހުގައި ވާގޮތުން، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބުރައީސެއް ޢައްޔަނުކުރައްވާނީ ރައީސެވެ.
ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބުރައީސަކު އައްޔަންކުރާނީ، ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއްގެ ނަން ނުވަތަ މީހުންގެ ނަން، ރައީސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު ނުވަތަ މީހުންނެވެ.
އެހެންނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބުރައީސްގެ މަޤާމަށް ޢައްޔަންކޮށްފައިވާ މެންބަރުން، ޤާނޫނުގައިވާ ގޮތުގެމަތިން މަޤާމުން ވަކިވަންދެން އެ މަޤާމުގައި ދެމިތިބޭނެއެވެ. މި އިޞްލާޙުގެ ދަށުން، ކޮމިޝަނުގެ ރައީސް ނުވަތަ ނައިބުރައީސް އިސްތިޢުފާ ދިނުމުގެ އިޖުރާޢަތްތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ކޮމިޝަނުގެ ރައީސް އަދި ކޮމިޝަނުގެ ނައިބުރައީސް މަޤާމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެ ނަމަ، އިސްތިޢުފާގެ ސިޓީ ހުށަހަޅަންޖެހެނީ ރައީސަށެވެ.

