ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭސް ކާރު އެކްސިޑެންޓު: އިކްރާމް އިބްރާހިމްގެ ފަރާތުން އިއުތިރާފު އެއްބަސްވުމަކަށް އެދިއްޖެ

ރޭސް ކާރު އެކްސިޑެންޓާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން 3 މީހަކަށް ދައުވާކޮށްފައިވެއެވެ. އެއީ ކ މާލޭ މ ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް، ހ ނޫރަންމާގެއާގެ އިކްރާމުއްރަޙްމާން އަދި ގއ ކަނޑުހުޅުދޫ އާޒާދުގެ ޖިނާހު އިސްމާއިލްގެ މައްޗަށެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދެއްވާފައެވެ. އެއަށްފަހު ގާޒީ ވަނީ ދައުވާލިބޭ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ.

ދެން ކުރިއަށް ދިޔައީ ދައުލަތުން ދައުވާ އިއްވުމެވެ. އެގޮތުން މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް ދައުލަތުން ވަނީ ކިޔާދެއްވާފައެވެ.

އޭގެ ތެރެއިން އިބްރާހިމް އިކްރާމްގެ ފަރާތުން އިއުތިރާފުގެ އެއްބަސްވުމަކަށް އެދި ހުށަހަޅާފައިވާއިރު، އެކަމާ މެދު ޕީޖީ އޮފީހުން މިހާރު މަޝްވަރާ ކުރަމުންދާކަމަށް ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުުޅޭގޮތުން ގާޒީ ވިދާޅުވީ، ޚުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމާ ހަމައަށް އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން ދައުވާތަކަށް ޖަވާބުދާރީވުން ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ދަންނަވާފައެވެ. 

އެހެންވެ އިކްރާމްގެ ފަރާތުން ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ. އަދި ދައުވާތަކަށް އިއުތިރާފުވެފައިވާތީ ގާޒީ ވިދާޅުވީ، އިބްރާހިމް އިކްރާމްގެ މައްސަލައިގައި ދެން އޮންނާނީ އަވަސްނިިޔާގެ ޝަރީއަތުގެ އަޑުއެހުމެއް ކަމަށެވެ. އޭގެ ކުރިން އިއުތިރާފުގެ އެއްބަސްވުމެއް ޕީޖީ އޮފީހުން ވެއްޖެނަމަ، އެކަމާމެދު ޝަރީއަތުން ގޮތެއް ނިންމަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން މައްސަލައިގައި ދައުވާލިބޭ އިކްރާމުއްރަޙުމާނުއާއި، ޖިނާހު ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. އެހެންވެ ގާޒީ ވަނީ ދިފާއީ ހެކި ހާމަ ކުރުމަށް ފުރުސަތު ދެއްވާފައެވެ.

އޭގެ އިތުރުން، މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓް ކައިރީގައެވެ. މި ހާދިސާގައި ރޭސިންގ ކާރެއް ދުއްވާފައި ގޮސް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައިވެއެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އެކްސިޑެންޓުވުމުން އެކަމުގެ ރިިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާއާއި، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: