ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ ފަށައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ. އަދި މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޝަހީމް އަލީ ސައީދުވެސް ވަނީ ބައިވެރިވެފަ އެވެ.
ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތްކަމުގައިވީ ނަމަވެސް ދިވެހިރާއްޖޭގެ ޒަކާތުގެ ކަންކަމަކީ ރަނގަޅަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ. ޒަކާތުގެ ނިޒާމަށް އެކި މަރުހަލާތަކާއި ގުޅިގެން އެކި ދުވަސްވަރުގައި އެކި ކުރިއެރުންތައް ލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ޒަކާތުގެ އޮފީސްއެއް ހުރި ކަމަށާއި އެހެންނަމަވެސް އެ އޮފީސް އިސްލާމީ ކަންތައްތަކާއި ބެހޭ އިދާރާގެ ބައެއް ގޮތުގައި ބަދަލުވެގެން ދިޔަ ކަމަށެވެ. އެހެންކަމުން އެކި މަރުހަލާތަކުގައި ތަފާތު އެކި ކުރިއެރުންތައް ލިިބިފައިވާ ކަމަށާއި ޒަކާތުގެ ބެހެނިވެރިންގެ މަފްހޫމަށް އެކި ބަދަލުތައް އައިސްފައިވާ ކަމަށެވެ.
2008 ވަނަ އަހަރުގެ ވުޒާރާގެ މަސައްކަތްތަކާއި ހަވާލުވިއިރު، ޒަކާތައް އަހަރަކު ލިބެނީ 14 މިލިއަން ކަމަށާއި މިއަދު ޒަކާތައް ލިބެމުންދާ ތަރުޙީބާއިއެކު ޒަކާތރު ފަންޑަށް 100 މިލިއަނާއި ގާތްކުރާ އަދަދެއް ލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
2008 ގައި ވުޒާރާގެ ކަންކަމާއި އަޅުގަނޑުމެން ހަވާލުވިއިރުގައި ޒަކާތަށް އަހަރަކު ލިބޭނީ 14 މިލިއަން ރުފިޔާ މިއަދު ޒަކާތައް ލިބެމުންމިދާ ތަރުހީބަށް ބަލާއިރުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ވަނީ އައިސްފައި، ދިވެހިރާއްޖޭގެ ޒަކާތު ފަންޑަށް އަހަރަކު 100 މިލިއަނާއި ގާތްކުރާ އަދަދަކަށް މިހާރު ކުރިއަށް އެބަދޭ
ވަޒީރު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އިސްލާމީ ކަންކަމަށް ބަހައްޓަވާ މުހިއްމުކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ވުޒާރާގެ ދަށުގައިވާ މުއައްސަސާތައް ހަރުދަނާކޮށް ކުރިއެރުވުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަކީ ލިބިލައްވާ އެންމެ ބޮޑު އުފާކަމަށެވެ. އަދި ކުިރއާއި އަޅާބަލާއިރު، ޒަކާތަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނުކަމަށާއި އަހަރެއްގެ ތެރޭގައި ޒަކާތައް ޖަމާވާ އަދަދު 100 މިލިއަނާއި ގާތްކުރާ ވަރަށް ކުރިއަރައިފައިވާ ކަމަށެވެ.
ޒަކާތައް ޖަމާވާ އަދަދު 100 މިލިއަނާއި ގާތްކުރާ ވަރަށް ކުރިއަރައިފައިވާވުމުން ފާހަގަކުރެވިގެންދަނީ ޒަކާތައް އާންމުންގެ ހޭލުންތެރިކަން އިތުރުވަމުންދާ މިންވަރު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވި ފަހުން ޒަކާތަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ޒަކާތު ކޮންފަރެންސްގެ ޒަރިއްޔާއިން ޒަކާތާއި ގުޅޭ އިލްމީ މުހިއްމު ވާހަކަތަކެއް ދެކެވި، މުހިއްމު މަސައްކަތާއި ބެހޭ ގޮތުން މަޝްވަރާ ކުރެވި ހިޔާލު ބަދަލުކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

