ސިނަމާލޭ ޕާކިންގ ޒޯނެއްގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ އަރާރަތްކުރި ޚާލިދު މަޙުމޫދު އަދި އދ މާމިގިލީ ބްލޫވިންޑް ޙަސަން ނަސީމްއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެމީހުން ހައްޔަރުކޮށްފައިވަނީ 25 ނޮވެމްބަރުގައި ބުރުޒު މަގގު ސިނަމާލޭ ޕާކިންގ ޒޯނެއްގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އަދި މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

