ސަރުކާރާއި ދެބަސްވުމަކީ ގައުމު އިނދަޖައްސަން އުޅެންޖެހޭ ސަބަބެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު ގިނަ ދުވަސްތަކެއްވަންދެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ކުރީގެ މެމްބަރު ޝަރީފްވަނީ ސިޔާސީ ކޯޅުންގަނޑުގެ ސަބަބުން ގައުމަށް ގެއްލުންތަކެއް ވެގެންދިއުމުގެ ފުރުސަތު އޮތްކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.
ޝަރީފް ވިދާޅުވީ، ވައުދެއް ވެފައި އޮތްނަމަވެސް ގައުމުގެ މަސްލަހަތަށް ބަލައި އިސްލާހުކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާވާނީ ގައުމުގެ އިގްތިސާދު ހިންގާ ނިޒާމު ނުހުއްޓި ކުރިއަށް ދިއުންކަން ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، ބައެއް ނޫސްތަކުންނާއި ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުން ފެނިގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ލައްވައި ގޯހެއް ހެދުމަށް މަސައްކަތްކުރަމުންދާ މަންޒަރުކަމަށެވެ.
އޭނާ ވިދާޅުވީ، އިދިކޮޅު ނޫސްތަކާއި ޕާޓީތަކުންވެސް އަމަލުކުރަންވީ އެގޮތުގެމަތިން ނޫންކަމަށާއި މަސައްކަތްކުރަންވީ ގައުމުގެ ހާލަތު ރަނގަޅުވާނެ ގޮތެއްގެ މަތިންކަމަށެވެ. ޝަރީފް ވިދާޅުވީ، ސަރުކާރާއި އިދިކޮޅުވުމަކީ އެއްގޮތުން ނުވެއްޖެ ހާލަތުގައި އަނެއް ގޮތެއްގެ މަތިން ގައުމުގެ އިގްތިސާދު އިނދަޖެއްސުމަށް މަސައްކަތްކުރަންޖެހޭ ސަބަބެއް ނޫންކަމަށެވެ.

