ހިތަދޫ-ހުޅުމީދޫ ބްރިޖަކީ ދިވެހިރާއްޖޭގައި މިހާތަނަށް ތަންފީޒުކުރެވޭ އެންމެ ބޮޑު އަދި މުހިންމު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައި އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހިތަދޫ-ހުޅުމީދޫ ބްރިޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު ވަޢުދުތަކުގެ ތެރެއިން ވަޢުދެއް ކަމަށާއި، މި މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައެވެ. އަދި މި ބްރިޖްގެ ދިގުމިނަކީ 14 ކިލޯމީޓަރު ކަމުގައި ވަޒީރު އިތުރަށް ހާމަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢާ ގުޅޭގޮތުން އެމްއޯޔޫ ހުށަހެޅި ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، މަސައްކަތް ފެށުމަށްފަހު މެދުނުކެނޑި ކުރިއަށްގެންދެވޭނެ ގޮތްތައް ދިރާސާކުރަމުންދާ ކަމަށެވެ. އަދި ހިތަދޫ-ހުޅުމީދޫ ބްރިޖަކީ ބޮޑު ބަޖެޓެއް ހިމެނޭ މަޝްރޫޢަކަށްވުމާއެކު، ގިނަގުނަ ޚަރަދުތަކެއް ހިނގާނެ ކަމަށާއި، އެހެންކަމުން މާލީ ވަސީލަތްތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުގެ އަމާޒަކީ ހިތަދޫ-ހުޅުމީދޫ ބްރިޖްގެ މަޝްރޫޢު މި އަހަރު ތެރޭގައި ފެށުން ކަމުގައި ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެންމެ އިސްކަމެއް ދެވެނީ މަސައްކަތް ފެށުމަށްފަހު މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޝައުޤުވެރިވެފައިވާ ފަރާތްތަކާއެކު މަޝްވަރާތައް ފެށިފައިވާއިރު، އުންމީދަކީ 2025 ވަނަ އަހަރު ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

