”ޗާލު ވެށި – މަގޭ ޒިންމާ“ މި ހަރަކާތުގެ ބޭނުމަކީ ސްޓެލްކޯއަށް ނިސްބަތްވާ ހުރިހާ ސަރަހައްދެއް އަބަދުވެސް ސާފުކޮށް ބޭއްވުން ކަމަށް ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
”ޗާލު ވެށި – މަގޭ ޒިންމާ“ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ އިވެންޓުގައި އެމްޑީ ފަހުމީ ވިދާޅުވީ މާލެ އަކީ ރީތި ހިއްގައިމު ތަނަކަށް ހަދަން ބޭނުން ކަމަށާއި އަދި މަސައްކަތުގެ މާހައުލާއި ގޯތިގެދޮރާއި، ސްޓެލްކޯއިން ހިދުމަތްދޭ ޓްރާންސްފޯމަރުތަކާއި ފޮށިތައް ޒީނަތްތެރިކޮށް ރީތިކޮށް ބަހައްޓަން ބޭނުންވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ މި ޕްރޮގްރާމަކީ ފަށަށައިފައި ހުއްޓާލާނެ ޕްރޮގްރާމެއް ނޫން ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވަނީ ސްޓެލްކޯގެ މުވައްޒަފުން ކަމަށާއި އަދި މި މަސައްކަތަކީ ވެސް ކުންފުނީގެ މުވައްޒަފުން ކުރާ މަަސައްކަތެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
މިއަދުގެ މި ޕްރޮގްރާމްގައި އެންވައިރޮމެންޓު މިނިސްޓަރ ޡާރިޤް އިިބްރާހިމް އަދި މާލެ ސިޓީގެ މޭޔަރުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މި ހަރަކާތުގެ ދަށުން ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ތަންތަން ވަނީ ސާފުކޮށްފައެވެ.
ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ތިމާވެށީގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ސްޓެލްކޯއަށް ނިސްބަތްވާ ހުރިހާ ސަރަހައްދެއް އަބަދުވެސް ސާފުކޮށް ބޭއްވުމަށް މުވައްޒަފުންނަށް ހިތްވަރުދީ ބެލެހެއްޓުން ކަމަށް ކުންފުނީގެ އެމްޑީ ވަނީ ވިދާޅުވެފައެވެ.

