ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ މަސައްކަތް މިހާ އަވަސް ގޮތަކަށް ކުރިއަށް ގެންދިއުމުން، ރައީސުލްޖުމްހޫރިއްޔާއަށް ޕްރޮގްރެސިވް ކޯލިޝަންގެ މެންބަރުންނާ މެދު ފުރިހަމަ އިތުބާރު ނެތްކަން ހާމަވެގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، މެންބަރު ފާހަގަކުރެއްވީ އެންޓި-ޑިފެކްޝަން ޤާނޫނަށް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް، މިވަގުތު ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އާމްދަނީ ދަށްވުމާއި ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާ ކަމެވެ. މިފަދަ ޙާލަތެއްގައި، ޤާނޫނުއަސާސީގެ ގިނަ މާއްދާތަކަކަށް އެއްފަހަރާ އިޞްލާޙު ގެނައުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް މެންބަރު ވިދާޅުވިއެވެ.
މީގެއިތުރުން، މެންބަރު ފާހަގަކުރެއްވި ގޮތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަކީ އާންމު ކަމެއް ނޫނެވެ. އެހެންކަމުން، މި މަސައްކަތް މިހާ ކުއްލި ގޮތަކަށް ކުރިއަށް ގެންދިއުމުން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާއަށް މެންބަރުންނާ މެދު ފުރިހަމަ އިތުބާރު ނެތްކަމެވެ.
“ އެއްވެސް ހާލަތެއް ނެތް ރައްޔިތުން މަޖިލިހުގެ މިހާތަނަށް ރައީސްސަކަަށް ނުލިބޭ ވަރުގެ ބޮޑު މެޖޯރިޓީއެއް އަދި 100 ޕަސެންޓް ޕީއެންސީގެ ގާތް ގަނޑަކަށް މި އޮތީ 78 މެމްބަރުން މިބުނާ އިސްލާހަށްވެސް ވޯޓު ދެއްވި “ މެމްބަރ ވިދާޅުވިއެވެ.
މެންބަރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ މަޖިލީހުން ލިބިވަޑައިގެންފައިވަނީ މީގެ ކުރިން އެއްވެސް ރައީސަކަށް ލިބިވަޑައިނުގަންނަވާ ފަދަ ބޮޑު މެޖޯރިޓީއެކެވެ. މިގޮތުން، ޕީ.އެން.ސީގެ ގާތްގަނޑަކަށް 100 އިންސައްތައާ އެއްވަރުގެ ތާއީދެއް ލިބިވަޑައިގެންފައިވާއިރު، 78 މެންބަރުން އެ އިޞްލާޙަށް ވޯޓު ދެއްވާފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.
މެންބަރުގެ ވިސްނުމުގައި، މި ފަދަ ބަދަލެއް ކުއްލިއަކަށް ގެންނަން ޖެހޭ ސަބަބެއް ނެތެވެ. އަދި މިހާތަނަށް ބަލާއިރު، މެންބަރުން ޕާޓީ ބަދަލުކުރައްވާފައިވަނީ ގިނަ ފަހަރަށް ދައުރުގެ ފަހުކޮޅުގައެވެ. އެހެންކަމުން، ދައުރުގެ ކުރީކޮޅު މިފަދަ ބަދަލެއް ގެންނަވަން ޖެހިވަޑައިގަންނަވާނީ ރައީސަށް ކޮންމެވެސް ކަހަލަ ބިރުވެރިކަމެއް އިޙްސާސްކުރެވިވަޑައިގަތުމުން ކަމަށް މެންބަރު ދެކެވަޑައިގަންނަވައެވެ.
މީގެ އިތުރުން، ޒިޔާދު ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަނީ ހަމައެކަނި ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމުގެ ސަބަބުން ނޫނެވެ. އޭގެ ބަދަލުގައި، ގިނަ ޙައްޤުތަކެއް ގެއްލިގެންދާތީއެވެ. މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގެ ދިފާޢުގައި އެމް.ޑީ.ޕީން ކުރިންވެސް މަސައްކަތްކުރައްވާފައިވާނެއެވެ. އަދި މި ޤާނޫނުއަސާސީ ގެނައުމަށް މަސައްކަތްކުރެއްވި ފަރާތަކީވެސް އެމް.ޑީ.ޕީ ކަމުގައި މެންބަރު ފާހަގަކުރެއްވިއެވެ.

