ތެލުގެ ވިޔަފާރި ކުރާ ކުންފުންޏެއްގެ ބޯޓަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެ ކުރިކަމަށް ބުނާ މައްސަލައިގައި ފުލުހުން ހާޒިރުކޮށްގެން ކުރިޔަށް ގެންދަން ނިންމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މިއީ ރާއްޖެއަށް ފުޅާދާއިރާއެއްގައި ތެޔޮ އެތެރެކޮށް ވިޔަފާރި ކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި މިދިޔަ އޮކްޓޯބަރު މަހު ވަގަށް އެތެރެ ކުރި ސިނގިރޭޓު ފެނުނުކަމަށް ބުނާ މައްސަލަ އެވެ. ”އެމްޓީ ހޯކްސް ޖަވާހިރު“ ނަމަކަށް ކިޔާ ބޯޓަކުން ވަގަށް ސިނގިރޭޓު އެތެރެ ކުރިކަމަށް ބުނާ މައްސަލައިގައި އާންމު ކުރި ބަޔާނުގައި ކަސްޓަމްސް ބުނެފައި ވަނީ ހޯކްސް ބޯޓްޔާޑް ބަލާ ފާސް ކުރުމުން އެތަނުގައި ހުރި އެކަމޮޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓަރ ބްރޭންޑުގެ 1.69 މިލިއަން ސިނގިރޭޓު ސްޓިކްސް ފެނިފައި ވެއެވެ. އެއީ ފޮށީގެ ނިސްބަތުން ބަލާއިރު 84،500 ފޮށި އަދި 8475 ކާޓޫނެވެ.
މިތަކެތި ހޯދާފައި ވަނީ ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައެވެ. އަދި އެ މައުލޫމާތު ކަސްޓަމްސް ހާމަކުރުމުން، މަޖިލީހުގެ ކޮމިޓީގައި ވެސް މައްސަލައިގެ ބައްދަލުވުންތައް ފެށީއެވެ.
މި މައްސަލައިގައި ހޯމް މިނިސްޓްރީއާއި، ކަސްޓަމްސް ހާޒިރު ކުރި ކޮމިޓީ ވެސް ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ.
މިއަދު ފުލުހުން ހާޒިރުކޮށް ބޭއްވި ކޮމިޓީ ފައްޓަވައި މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިއީ އަދިވެސް ތަހުގީގު ކުރިޔަށްދާ މައްސަލައަކަށް ވާތީ ބައެއް މައުލޫމާތުތައް ހުޅުވާލައިގެން ކުރިޔަށް ދާ ކޮމިޓީއެއްގައި ހާމަކުރަން ފުލުހުންނަށް އުނދަގޫވާނެކަމަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންވެ ކޮމިޓީގެ ސިއްރު ކުރުމާއި މެދު ގޮތެއް ނިންމަން ހުޅުވާލުމުން އެގޮތަށް ހުށަހެޅުއްވީ ބ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައި ވަނީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
ހޯކްސް ކުންފުންޏާއި ގުޅޭގޮތުން ކަސްޓަމްސް ބަޔާނެއް އާންމުކޮށް، މީޑިއާތަކުން ރިޕޯޓު ކުރުމުން އެ ކުންފުނިން އާންމު ކުރި ބަޔާނެއްގައި ބުނީ ތެޔޮ ބޯޓުގައި ވަގަށް ސިނގިރޭޓު އެތެރެ ކުރުމުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވޭ މުވައްޒަފުން މަސައްކަތުން އެކަހެރިކޮށް އެކަން ތަހުގީގީ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.
ސިނގިރޭޓު އެތެރެ ކުރުމާއި ކުންފުނީގެ މެނޭޖްމަންޓާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި، ފުލުހުން މައްސަލައިގައި އަމަލުކޮށްފައި ވަނީ ޣައިރު ޒިންމާދާރު ގޮތަކަށްކަމަށް ހޯކްސް ބުނެފައި ވެއެވެ. އަދި ބުނީ ކުންފުނީގެ ބޯޓްޔާޑަށް ގޮސް އެ ސަރަހައްދު އެންމެ ފުރަތަމަ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއް ވެސް ނެތިކަމަށެވެ.
މިއީ ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު ޑިއުޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމި ދުވަސްވަރާއި ދިމާކޮށް ފެންމަތިވީ މައްސަލައެކެވެ.

