ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔާމަންޓް ސްކީމުގެ ތެރެއިން އަލަށް ރިޓަޔަރ ކުރާ މުވައްޒަފުންނަށް މަހުން މަހަށް ދިނުމަށް ކަނޑައަޅާފައިވާ އެލަވަންސްތަކަށް ބަދަލު ގެންނަނީ ދައުލަތުގެ މުވައްޒަފުންގެ މެދުގައި މިހާރު އޮތް ހަމަހަމަ ނޫން ނިޒާމު ބަދަލު ކުރަންކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ވަޒީފާއިން އަލަށް ރިޓަޔަރ ކުރާ މުވައްޒަފުންނަށް މަހުން މަހަށް ލިބޭ އެލަވެންސްގެ ނިޒާމަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް މީޑިއާތަކުން މި ހަފްތާގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނައި، ޖެނުއަރީ މަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެކަމަށް ވަނީ ބުނެފައެވެ.
މި ހަބަރުތަކާއި އެކު އާންމުންގެ މެދުގައި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުން އަމާޒުވި އެވެ.
ބަޖެޓު ފޮތުގެ މައުލޫމާތު ގޮޅި 6: މުސާރައާއި ޕެންޝަންގެ ސިޔާސަތުތަކަށް ރާވާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން ބުނެފައި ވަނީ ރިޓަޔަރ ކުރާ ހިސާބުން ބައެއް ފަހަރަށް ގަނޑުކޮށް ފައިސާ ދޭއިރު ގަވައިދުން މަހުން މަހަށް ފައިސޭ ދޭ ގޮތަށް އުސޫލުތައް ކަނޑައެޅިފައި ހުންނަކަމަށެވެ. އަދި ރާއްޖޭގައި ދައުލަތުގެ މުވައްސަސާތަކުން މުވައްޒަފުން ރިޓަޔަރ ކުރާއިރު މިހާރު ފަރުމާކޮށް އަމަލު ކުރަމުންދާ އުސޫލުތަކުން ދައުލަތުގެ ބަޖެޓުން ޕެންޝަން އިނާޔަތެއްގެ ގޮތުގައި ގަނޑުކޮށް ފައިސާ ދޭގޮތަށް ވެސް އުސޫލުތައް ކަނޑައެޅުފައި ހުންނަކަން ފާހަގަކުރިއެވެ.
ރާއްޖޭގައި ދައުލަތުގެ މުވައްސަސާތަކުން މުވައްޒަފުން ރިޓަޔަރ ކުރާއިރު މިހާރު ފަރުމާކޮށް އަމަލު ކުރަމުންދާ އުސޫލުތަކުން ދައުލަތުގެ ބަޖެޓުން ޕެންޝަން އިނާޔަތެއްގެ ގޮތުގައި ގަނޑުކޮށް ފައިސާ ދިނުމާއި އެކު މުޅި އުމުރަށް މަހުން މަހަށް ފައިސާ ލިބެމުންދާ ގޮތަށް ވަނީ ކަނޑައެޅިފަ އެވެ.
މިނިސްޓްރީން ދިން މައުލޫމާތުގައި ބުނީ ޕެންޝަން ނިޒާމުގެ ތެރެއިން ކުރިމަތިވާ ހިރާސްތަކަށް ބަލާއިރު އާލީ ރިޓަޔާމަންޓު ނުވަތަ ރިޓަޔަރ ކުރާ އުމުރަށް ބަލައި ހަގު އުމުރުފުރާގައި ރިޓަޔަރ ކުރުމަށް އެކި މުވައްސަސާތަކުން ފުރުސަތު ދޭތީ އަވަހަށް ވަކިވުމަށް ހިތްވަރު ލިބި ދިގު މުއްދަތަކަށް މަހުން މަހަށް ދޭ އިނާޔަތަށް ދައުލަތުން ކުރަން ޖެހޭ ހޭދައިގެ ބުރަ ބޮޑުވެފައިވާކަމަށެވެ.
ފިނޭބްސް މިނިސްޓްރީން ބުނީ ޒުވާން އުމުރުގައި ރިޓަޔަރ ކުރުމަށް ފަހު، ދައުލަތުގެ އެހެނިހެން މުވައްސަސާއަކާއި ގުޅި މަސައްކަތް ކުރާއިރު ކުރީގެ ވަޒީފާގެ އިނާޔަތް ވެސް މެދުނުކެނޑި އެ މީހަކަށް ލިބެމުންދާކަމަށެވެ. މިހާލަތުގައި ދައުލަތުން ދާނީ އަދާކުރަމުން މުސާރައިގެ 7 އިންސައްތަ އެމްއާރުޕީއެސްގައިވާ އެ ފަރާތުގެ ރިޓަޔާމަންޓް ސޭވިން އެކައުންތަށް ވެސް ޖަމާވަމުންކަން ފިނޭންސުން ފާހަގަކުރި އެވެ.
ފިނޭންސް ބުނި ގޮތުގައި މިގޮތަށް ރިޓަޔަމަންޓްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ދެމުން، އެކްރޫޑް ރައިޓްސްގެ ގޮތުގައި ރިޓަޔާމަންޓަށް އެމްއާރުޕީއެސްއަށް ފައިސާ ޖަމާކޮށްދެމުން މުސާރަ ދިނުމަކީ ޕެންޝަންގެ މަގުސަދާ ފުށުއަރާ އަދި މަދު ބަޔަކަށް ދައުލަތުގެ ބަޖެޓުން ތަކުރާރުކޮށް ޕެންޝަނަށް ހަރަދު ހިންގާ އުސޫލުތައް ކަމަށެވެ.
އެމްއާރުޕީއެސްއަށް އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ދައުލަތުން ފައިސާ ޖަމާކޮށްފައިވުމާއި އެކު ވެސް ދައުލަތުގެ އެކި މުވައްސަސާތަކުން މުވައްޒަފުންގެ ހިއްސާއެއް ނެތި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިނާޔަތް ދޭ ގޮތަށް އިތުރު އުސޫލުތައް ހަދައި ތަންފީޒު ކުރުމުގެ ސަބަބުން ދައުލަތުން ޑަބަލްކޮށް ޕެންޝަން ދެމުންދާއިރު ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އެ އުސޫލުން ރިޓަޔަރ ކުރާ ދައުލަތުގެ މުވައްޒަފުންނަށް ތިން ވަނަ ޕެންޝަން ލިބެމުންދާކަމަށެވެ.
އަހަރުން އަހަރަށް ޕެންޝަނަށް ކުރަން ޖެހޭ ހޭދަތައް ދަނީ ބޮޑުތަނުން އިތުރުވަމުންވެ. އަދި އާލީ ރިޓަޔާމަންޓުގެ އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ޖުޑިޝަރީ ދާއިރާއަށާއި، ސިފައިންނާއި ފުލުހުން އަދި ކަސްޓަމަސް ފަދަ މުވައްސަސާތަކަށެވެ.
އެއް ފަހަރާ ދޫކުރާ ޕެންޝަނުގެ ގޮތުގައި މި އަހަރު ދޫކުރި އަދަދު 45.2 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މަހުން މަހަށް ދޭ އަދަދެއްގެ ގޮތުން މި އަހަރު 266 މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ.

