މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.
ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވާފައިވާ ބިލެކެވެ.
ބިލުގައި ކުރުމަށް ހުށަހަޅާފައިވާ ކަންކަން:
- އަލަށް ކޮންްޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތީގެ ބާވަތްތައް ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމު ކުރުން
- މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގެ އިތުރު ކުށާއި އަދަބުތައް ކަނޑައެޅުން
- މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުން
- ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމްތަކާ ގުޅޭ އުސޫލުތައް މުރާޖައާ ކުރުން
- މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީީޒު ކުރާ ބާރުތަކަށް އިތުރު ބާރުތައް ދިނުން
- ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި، ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާ ކުރުން
އޭގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނާއި، އެފަދަ ކަންކަމަށް ފައިނޭންސް ކުރާ މީހުން ދެނެގަނެ، އެމީހުންނަށް ސީދާ އަމާޒުވާގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކޮށް، އެކަމަށްޓަކައި ޤާނޫނު ތަންފީޒު ކުރާ އިދާރާއަށް ޚާއްސަ ބާރުތަކެއް ދިނުމަށްވެސް ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
ހަމައެއާއެކު، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލު އެކުލެވިގެންވާ ގޮތުގެ މައްޗަށްވެސް މި ބިލުގައި ބަދަލުތަކެއް ހިމަނާފައިވެއެވެ. އެގޮތުން 13 މެމްބަރަކު މި ކައުންސިލުގައި ހިމެނުމަށް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލަކީ މަސްތުވާތަކެތީގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު ރިވިއުކުރުމަށްފަހު، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

