ޕީޕީއެމް އުވައިލަން އެ ޕާޓީގެ ސެނެޓުން ނިންމައިފިއެވެ.
މިއަދު ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރިޔާސަތުގައި އިންނެވީ އެ ޕާޓީގެ ނައިބުރައީސް އަދި މިނިސްޓަރު އަހުމަދު ޝިޔާމެވެ. ޕާޓީ އުވާލުމަށް ޕީޕީއެމްގެ ލީޑަޝިޕުން ހުށަހެޅި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ.
ވެރިކަން ކުރާ ކޯލިޝަނުގައި މިދިޔަ ރިޔާސީ އިންތިހާބާ ހަމައަށް ގިނަ މެންބަރުން ތިބި ޕާޓީ ކަމަށްވާ ޕީޕީއެމް އުވާލުމަށް މީގެކުރިންވެސް ވަނީ ވާހަކަތަކެއް ދެކެވިފައެވެ. ޕީޕީއެމް އުވާލުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ މަހު ބޭއްވި ސެނެޓު ބައްދަލުވުމެއްގައި، އެ ޕާޓީ އުވައިލެވޭނެ ކަމަށް ހަމައެކަނި އޮތް ހާލަތު، އަސާސީ ގަވާއިދުން އުނިކޮށް އެއްވެސް ސަބަބެއް ނެތި ވެސް ޕާޓީ އުވައިލެވޭ ގޮތަށް އަސާސީ ގަވާއިދުވެސް ބަދަލުކުރިއެވެ.
ޕީޕީއެމަކީ ރާއްޖޭގައި ސިޔާސީ ބޮޑު ތާރީހެއް އޮތް ޕާޓީއަކަށްވާއިރު، އެ ޕާޓީ އުފައްދާފައި ވަނީ ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ފެކްޝަންތަކަށް ފަހު ރައީސް މައުމޫން އަބްދުލްޣައްޔޫމެވެ.
2011 އޮކްޓޯބަރުގައި ޕީޕީއެމް ރެޖިސްޓްރީ ކުރުމަށް ފަހު ޕާޓީގެ ލީޑާޝިޕާއި ހަވާލުވެ ހުންނެވީ ރައީސް މައުމޫނެވެ. އަދި އެއަށް ފަހު 2013 ގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަކޮށް ވެރިކަމަށް ވަޑައިގަތެވެ. އެހެން ނަމަވެސް އެތެރޭގައި އަނެއްކާވެސް ޖެހުނު މައްސަލަތަކާއި އެކު ރައީސް ޔާމީން ޕީޕީއެމްގެ ބާރުތައް ނެންގެވީ އެވެ.
އޭގެ ފަހުން 2018 ގައި ވެރިިކަން ކާމިޔާބު ނުވުމުން، ރައީސް ޔާމީން ޕީއެންސީ އުފެއްދެވީ ރައީސް މައުމޫނަށް އެ ޕާޓީ ލިބިވަޑައިގެންފާނެކަމަށް ބެލެވޭ ހާލަތްތަކާއި ހުރެ އެވެ.
2023 ގައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ޕީޕިއެމްގެ ޓިކެޓުގައި ވާދަ ނުކުރެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވީ އެވެ.

