މީގެ ކުރިން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖެ ބަނގުރޫޓުވުމުގެ ހާލަތު އެބައޮތްކަމަށް ބުނި ނަމަވެސް މިހާރު އެފަދަ އިންޒާރުތައް ރިޕޯޓުތަކުގައި ނުހުންނާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޒަމީރު ހާޒިރުވުމުން ޖުމްލަ ގޮތެއްގައި މެމްބަރުން ސުވާލު ކުރައްވާފައި ވަނީ ހަރަދު މެނޭޖު ކުރުމުގެ މަސައްކަތްތަކާއި، އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުންނެވެ. އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރެވޭތޯ ސާފުކޮށްދިނުމަށް މެމްބަރުން އެދިވަޑައިގަތެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ޖުމްލަ ދަރަނީގެ ނިސްބަތާއި، މި ސަރުކާރުން ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ އަދަދުގެ ތަފްސީލަށް އެދި ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ސުވާލު ކުރެއްވީ އެއީ ދައުލަތުގެ އާމްދަނީގެ ކިހާ އިންސައްތައެއްތޯ އެވެ.
ޖަވާބުގައި ޒަމީރު ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ޖުމްލަ ދަރަނީގެ އަދަދަކީ 124 ބިލިއަން ރުފިޔާކަމަށެވެ. ދަރަނީގެ 50 އިންސައްތައަށް ވުރެ ބޮޑު އަދަދެއް އެއީ، ކުރީ ސަރުކާރުން އުފެއްދި ދަރަނިކަމުގައި ޒަމީރު ވިދާޅުވި އެވެ.
ދަތިތަކާއި އެކު ވެސް އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައި ވަނީ ޒަމީރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް ހިމަނައިގެންނެވެ.
ރާއްޖެ އިގްތިސާދީ ގޮތުންނާއި، މާލީ ގޮތުން ވެއްޓުނު އަނދަވަޅާއި އެކު ބައިނަލްއަޤުވާމީ އިދާރާތަކުން ދެމުން ގެންދިޔަ އިންޒާރުތައް ފާހަގަކޮށް ޒަމީރު ވިދާޅުވީ ރިޕޯޓުތަކުގައި އެންމެ ގިނައިން ބުނެފައި ވަނީ ބަނގުރޫޓުވެދާނެކަމަށް ބަލައި ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި އެ ހާލަތު ރާއްޖެއަށް އޮތުމާއި އެކު ހަރަދު ކުޑަ ކުރުމަށް ތަކުރާރުކޮށް އިރުޝާދު ދެމުން ގެންދިޔަކަމަށް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ އަހަރެއްގެ ތެރޭގައި މި ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާތައް ފެނި، މިހާރު އައިއެމްއެފްގެ ރިޕޯޓުތަކުގައި ބަނގުރޫޓު ވެދާނެކަމުގެ ހާލަތެއް އޮތްކަމަށް ބުނެފައި ނުވާނެ އެވެ. އެއީ ރަނގަޅު ފިޔަވަޅު އަޅައި، ބައިލެޓްރަލީ އެ ގައުމުތަކާއި ވާހަކަ ދައްކައި ކުރެވުނު މަޝްވަރާތަކަށް ލުއިތަަކެއް ވެސް ލިބިފައިވާތީކަމަށް ޒަމީރު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވައިގެން، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭ ގޮތަށް ބަޖެޓު ފޯމިއުލޭޓުކޮށް.. އަދި މިހާރު ހުރި ބައެއް ދަރަނި .. މިސާލަކަށް ޑިއުވާ ހުރިހާ ދަރަންޏެއް ދައްކަން އުޅެ އަދި ރައްޔިތުންނަށް ހިދުމަތް ދޭން މަސައްކަތްކޮށްފިއްޔާ އައިއެމްއެފްގެ ރިޕޯޓުގައި އޮތް ގޮތަށް އަޅުގަނޑުމެން ހަމަ ބަނގުރޫޓުވާނެ.. އެ ސިނާރިއޯއިން ރާއްޖެ ނެރެ، ރެވެނިއު ސްޓްރީމްތައް ރަނގަޅުކޮށް އަދި ހަރަދުތައް ރެޝަނަލައިޒްކޮށް ދަރަނީގެ މުއްދަތު އިތުރުކޮށް ބައިލެޓްރަލްކޮށް މަސައްކަތްކޮށް ރަހުމަތްތެރި ގައުމުތަކާއި އެކު މަސައްކަތް ކުރައްވައިގެން އެ ހުރިހާކަމެއް ހުރީ ހަމަޖެހިފައި..
ޒަމީރު ވިދާޅުވީ ދަރަނި ދެއްކުމަށްޓަކައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިޔަށް ވެސް ޕްލޭންތައް އެކުލަވާލެއްވިކަމަށާއި، މިހާރު ވެސް ސިޔާސަތުތައް ރަނގަޅު ކުރެވޭނެ ގޮތެއް ބަލައި އެކަމަށް މަސައްކަތް ކުރައްވަމުން ދާކަމަށެވެ.
މިދިޔަ އަހަރެއްގެ ތެރޭގައި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނި ރީ ސްޓްރަކްޗަރ ކުރުމަށް ކުރި މަސައްކަތްތައް ޒަމީރު ވިދާޅުވި ކާމިޔާބެވެ. އެހެންވެ މިހާރު ދަރަނީގެ އެއްވެސް ދަތިކަމެއް ނުވަތަ އެ ލޯނުތައް އަނބުރާ ނުދެއްކިދާނެކަމުގެ ކަންބޮޑުވުމެއް ވެސް ނެތްކަމަށް ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ބައިނަލްއަޤުވާމީ މަލީ އިދާރާތަކުން ތަކުރާރުކޮށް އިރުޝާދު ދެމުން ދަނީ، ހަރަދުތައް އަދިވެސް ކުޑަ ކުރުމަށެވެ. އަދި މީގެ ކުރިން އެ އިދާރާތަކުން ފާހަގަކުރާ ފަދަ ބަނގުރޫޓުވެދާނެކަމުގެ ބަސްތައް މިހާރު އެ ރިޕޯޓުތަކުގައި ނުހުންނަކަމަށް ޒަމީރު ވިދާޅުވި އެވެ.

