ވިޔަފާރި އުސޫލުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ދޫކޮށްފައިވާ ބިންތަކަށް އެކި ވިޔަފާރިތަކުން ދައްކަން ޖެހި، ނުދައްކާ ހުރި 1.4 ބިލިއަން ރުފިޔާގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާތަނަށް ހޯދައިފައިވާކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފަޒުލް ވިދާޅުވީ ކުންފުންޏާއި ހަވާލުވީއިރު ދޫކޮށްފައިވާ ބިންތަކަށް އެކި ވިޔަފާރިތަކުން ނުދައްކާ 1.4 ބިލިއަން ރުފިޔާ ހުރި ކަމަށެވެ.
ފަޒުލް ވިދާޅުވީ އެފައިސާ ހޯދުމަށްޓަކައި ކުންފުނީގެ އިސް މުވައްޒަފުންނާއި އެކު ރިކަވަރީ ކޮމިޓީއެއް އެކުލަވާލި ކަމަށާއި އަދި އެ ކޮމިޓީއިން ކުރި މަސައްކަތުން 226 މިލިއަން ރިކަވަރ ކުރެވުނު ކަމަށެވެ. ފަޒުލް ވިދާޅުވީ ފައިސާ ނުދައްކާ ހުރި ވިޔަފާރިތަކަށް ނުވަތަ މީހުންނަށް ޑިމާންޑް ލެޓާއެއް ފޮނުވަމުންދާ ކަމަށެވެ.
ނޯޓިސްއަށް ފަހުވެސް ފައިސާ ނުދައްކާ ހުރި ވިޔަފާރީތަކުން އެކަމަށް ޖަވާބެއް ނުދީފިނަމަ ދެން އެ މައްސަލައިގައި ދާންޖެހޭނީ ކޯޓު މަރުހަލާއަށްކަން ފަޒުލް ފާހަގަކުރެއްވިއެވެ. އެމްޑީ ވިދާޅުވީ އެފަދަ ކަންކަމުގައި އެންމެ ފަހު މަރުހަލާއަކަށް އޮންނަނީ އެގޮތް ކަމަށައި އެހެންނަމަވެސް ވިޔަފާރިތަކުން ކުންފުންޏަށް ފައިސާ ދައްކަން ބޭނުންވާ ހާލަތުގައި އެޗްޑީސީން އެ ފުރުސަތު ވިޔަފާރިތަކަށް ދޭނެ ކަމަށެވެ.
”އަޅުގަނޑުމެނަށް ވެސް އެއްބަސްވެވޭ މުއްދަތެއްގަ އަދި އެ ފަރާތަކަށް ވެސް އުނދަގޫނުވާނެހެން ފަސޭހެވާނެ ގޮތަަކަށް އެކި މަރުހަލާއަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެބައޮތް. މި ފުރުސަތު އަޅުގަނޑުމެން މިދެނީ ކޯޓު މަރުހަލާ އެއްކައިރި ކުރުމަށްޓަކާ“
އެޗްޑީސީއަށް ނުލިބި ހުރި ފައިސާގެ ތަފުސީލުތައް ހިމެނޭގޮތަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ލިސްޓާ ގުޅޭގޮތުން މެންބަރުން ވަނީ މިދިޔަ ހަފުތާގައި ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

