މަސައްކަތުގެ އުޖޫރަ ނުލިބޭކަމަށް ބުނެ މުޒާހަރާ ކުރި ބިދޭސީންގެ މައްސަލައިގެ ތަހުގީގު ކުރުމުގައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) ހަރަކާތްތެރިވާން ފަށާފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގޯސްވެފައިވާއިރު، އެ މީހުން ލައްވައި މަސައްކަތް ކުރުވުމަށް ފަހު އުޖޫރަ ނުދޭކަމުގެ ޝަކުވާ ބޮޑެވެ. އަދި ދޭތެރެއަކުން ބިދޭސީންތައް ނިކުމެ އެކަމާއި ދެކޮޅަށް އަޑުއުފުލުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ވެސް ހިނގާފައި އެބަހުއްޓެވެ.
މާލޭގެ ގްރީން ޒޯން ސަރަހައްދަކަށް އެއްވެ މުޒާހަރާ ކުރަމުން ދިޔަ މައްސަލައިގައި ހައްޔަރުކޮށް، އިމިގްރޭޝަނާއި ހަވާލު ކުރީ 55 ބިދޭސީއެކެވެ. އެ މީހުން ނިސްބަތް ވަނީ ކޮން ކުންފުންޏަކަށްކަމާއި އުޖޫރަ ނުދޭތާ ކިހާ މުއްދަތެއް ވެފައިވާކަން އަދި މިހާތަނަށް ސާފެއް ނޫނެވެ.
ބިދޭސީންގެ މައްސަލަ ބަލަން ފަށައި، ކުރަމުން ދާ ތަހުގީގުގައި އެ މީހުންގެ ފަރާތުން ޝަކުވާތަކެއް ލިބިފައިވާކަމަށް ޝަމްއާން ވިދާޅުވި އެވެ. އެގޮތުން އެ މީހުންގެ ހައްގު ގެއްލިފައިވާކަމަށް ބުނަމުން ދާތީ، އެކަން ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ހުށަހަޅާފައި ވާނެކަމަށް ޝަމްއާން ވިދާޅުވި އެވެ.
މި ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާކަމަށް އެފަރާތްތަކުން ބުނަމުންދާތީ، މިވަގުތު ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ބޭފުޅުންވެސް ދަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން. އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވާކަށް ފުރުސަތެއް ނުދެވޭނެ. އަދި އެފަދަ ފަރާތްތާއިމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ޢަމަލު ކުރެވޭނެ.
ޝަމްއާން ވިދާޅުވި ގޮތުގައި އެލްއާރުއޭގެ އޮފިޝަލުންތައް ދަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވަމުންނެވެ.
އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން، ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނަކަށް ނުވަތަ ގަވައިދަކަށް ހިލާފުވުމަށް އެއްވެސް ޖާގައެއް ނުދޭނެކަމަށް ޝަމްއާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ މީހުންނާއި މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި މައްސަލަ ބެލޭނެ ކަމަށެވެ.
ޝަމްއާން ވިދާޅުވީ މުޒާހަރާ ކުރި ބިދޭސީންގެ މައްސަލަ އިތުރަށް ތަހުގީގުކޮށް، އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

