ސަރުކާރުގެ ރޭވުންތެރިކަން ހުރީ ތަރައްގީގެ ކަންކަން ކުރަމުން ކުރީގެ ސަރުކާރުތަކުން ފަސޭހައަކަށް ދޫކޮށްލާފައިވާ ބޮޑެތި މައްސަލަތަކަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އއ. ރަސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެ ކަމެއް ހައްލުވުމަށް ރައްޔިތުން އިންތިހާއަށް އެދިއެދި ތިބި، އެހެން ނަމަވެސް ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާގައި ގައުމު ޖެހި، އެ ކަމުގެ ތެރޭގައި 30، 40 އަހަރު ފާއިތުވެ ގޮސްފައި ވާކަމަށާއި، މި މައްސަލަތައް ހައްލުވުމުގެ ބަދަލުގައި، ދިޔައީ އިންތިހާއަށް ބޮޑުވަމުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ ސަބަބުން ކޮންމެ ޢާއިލާއެއް، ކޮންމެ ރަށެއް އަދި ކޮންމެ މުޖުތަމަޢެއްގައި މައްސަލަ އިތުރަށް ގޯސްވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޑްރަގްގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެކަމުން ދުރުކޮށް، ޒުވާނުންނަކީ މަސްތުގެ ވަބާއިން ސަލާމަތްވެފައިވާ، ބިނާކުރަނިވި ބަޔަކަށް ހެދުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމަށެވެ.
ދިވެހިރާއްޖެއަކީ ބޭރު ދުނިޔެއަށް ގައުމުގެ ރީތި ނަން އިޝްތިހާރުކޮށްގެން ހޯދާ އާމްދަނީއަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، އެކަން ދެމެހެއްޓެން އޮތީ މިއީ ސުލްހައާއި ހަމަޖެހުން ގާއިމުވެފައިވާ، ރައްކާތެރި އަދި އަމާން ގައުމަކަށް ހެދިގެން ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. މިކަން ހާސިލުވާން އޮތީ މަސްތުގެ ވަބާއިން ދުރަށް ޖެހިގެން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ފާއިތުވީ އަހަރު ދުވަހުގެ ތެރޭގައި، މި ރޮނގުން ގިނަ މަސައްކަތްތަކެއް އަދުގެ ސަރުކާރުން ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ފެތުރިފައިވާ ޑްރަގްގެ ވިޔަފާރީގެ ތެރޭގައި، ގިނަ އަދަދަކަށް، ނުގަވާއިދުން އުޅޭ ބިދޭސީން ހިމެނޭކަމަށާއި، މިހާރު އޭގެ ތެރެއިން ގިނަ ބަޔަކު ޑީޕޯޓްކޮށްފައި ވާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާއެކު ހިފާ، ހައްޔަރުކޮށް، ތަހުގީގަށް ފަހު ޑީޕޯޓުކޮށްފައިވާ ބިދޭސީންގެ އަދަދު 153 އަށް އަރާކަމަށާއި، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، ދެގުނަ އިތުރު ޢަދަދެއްކަމަށް ރައީސް ވިދާޅުވި އެވެ.\
ހަގީގީ ކުރިއެރުމާއި ތަރައްގީއަކީ ލޯ ކުރިމަތިން ފެންނަން އޮތް އެއްޗެއް އެކަނި ނޫންކަމަށާއި، މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ހައްލު ލިބުންވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

