ރައްޔިތުންގެ އަމާޒަކަށް ވާންވީ ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އައު ފަންނުވެރިން ތައާރަފްކުރުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވެއްޖެއެެވެ.
ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ސައިބަރ އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އާއި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެކި ވުޒާރާތަކުގެ އިިސްވެރިން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ ސުޖާޢު ވިދާޅުވީ، ސައިބަރ ސެކިއުރިޓީ އާއި ސައިބަރ ކްރައިމްގެ އެންމެހާ ކުށުގެ ބާވަތްތަކުން ރައްކާތެރިވާނެ ގޮތް ރައްޔިތުނަށް އަންގައިދީ އެކަމަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ތުއްތު ޅަދަރިންނާއި އިސްރަށްވެހިން ސައިބަރ ކްރައިމްތަކުން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި އެކަމަށް ގިނަ ރައްޔިތުން އަހުލުވެރިކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާއި ގާނޫނުތަކަށް ލޯހުޅުވި ރާއްޖޭގެ އެކަށޭނެ ބަދަލުތައް ގެނައުމަށް ފަސޭހަވެގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކާއި އަމިއްލު ކުންފުނިތަކާއި އެކި ޖަމްޢިއްޔާތަކާއި ތައުލީމާއި ތަރުބިއްޔަތު ދޭ މުއްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ އަމާޒަކަށް ވާންވީ ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އައު ފަންނުވެރިން ތައާރަފްކުރުން ކަމަށެވެ.
ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާ ފުޅާވެ ފައްކާވެގެން އަންނައިރު ޓެކްނޮލޮޖީއާ އެއް ހަމައެއްގައި ރާއްޖޭގެ ދުވެލި ހިފަހައްޓަން މަސައްކަތްކުރުން ކުރުމަކީ މުހިންމު ކަމެއް ކަމަށާއި މިކަން ކުރެވިގެން ދާނީ މި ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްގެންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

