2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު އުސްއައްޔަކީ 19 ވަނަ މަޖިލީހުގެ ދައުރު ނިމި، 20 ވަނަ މަޖިލިސް ފެށިގެން ދިއުމެވެ. އެގޮތުން 20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް 369 ކެންޑިޑޭޓުން ވާދަކުރިއިރު މިއީ މިހާތަނަށް ބޭއްވުނު އެންމެ ގިނަ ދާއިރާ ހިމެނޭ މަޖިލިސް އިންތިޚާބެވެ.
މި އިންތިޚާބުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ ނަގާފައިވާއިރު، 20 ވަނަ މަޖިލީހުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް މި އިންތިޚާބުގައި ކާމިޔާބުވެފައިވަނީ 12 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރާ ޖުމުލަ 11 ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ކެންޑިޑޭޓުން ފަހުން ވެރިކަން ކުރާ ޕާޓީއަށް ސޮއިކުރެއްވިއެވެ.
މި ދައުރުގައި ކުރެވުނު މަސައްކަތްތައް:
20 ވަނަ މަޖިލީހުގައި މިއަހަރު ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލުތައް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ. އެގޮތުން ޖުމުލަ 27 ޖަލްސާ ބޭއްވިފައިވާއިރު، ޖުމުލަ 67 ގަޑިއިރު ޖަލްސާތަކުގައި ހޭދަކޮށްފައިވެއެވެ.
ކޮމިޓީތަކުގެ މަސައްކަތްތަކަށް ބަލާއިރު ޖުމުލަ 165 ކޮމިޓީ ބައްދަލުވުން ބޭއްވިފައިވާކަމަށާއި ޖުމުލަ 118 ގަޑީރު ހޭދަކުރެވިފައިވާކަމަށް ރިޔާސަތުން މައުލޫމާތު ދެއެވެ. މި ދައުރުގައި ޖުމުލަކޮށް 20 ބިލާއި އެއް ގަރާރު އަދި ސަރުކާރުން ހުށައަޅާފައިވާ 13 މައްސަލައިގެ އިތުރުން ރިޔާސަތުން ހުށައެޅި ފަސް މައްސަލައާއި 4 ކުއްލި މައްސަލައިގެ މަސައްކަތްތައް ކުރެވިފައިވެއެވެ.
އޭގެ އިތުރުން، ވަޒީރުންނާއި ކުރެވުނު 13 ސުވާލުގެ މަސައްކަތްތަކާއި އެހެނިހެން މައްސަލަތަކާއި ގުޅޭ 7 ރިޕޯޓުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމާލެވިފައިވެއެވެ.
އެންމެ ބޮޑު ފާޑުކިއުމެއް އިޒްރޭލު ޕާސްޕޯޓު މައްސަލައިގައި:
މަޖިލީހަށް ހުށައެޅިފައިވާ މަސައްކަތްތަކުގެ ޖުމުލަ 73.3 އިންސައްތަ މި ދައުރުގެ ނިޔަލަށް ނިންމާލެވިފައިވާއިރު، މި އަހަރު ތެރޭގައި މަޖިލީހާ ގުޅޭގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެން ދިޔައީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މައްސަލަ ލަސްވެގެން ދިއުމާ ގުޅިގެންނެވެ.
އެހެންނަމަވެސް އެ މަސައްކަތް ވަކި ޓާގެޓަކަށް ނިންމުމަށް އަމާޒު ހިފައި މަޖިލީހުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އެއް ދުވަހުން ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު:
އޭގެ އިތުރުން، މަޖިލީހުން މިއަހަރު ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށްފަހު ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު މަޖިލީހުން އެއް ދުވަސް ތެރޭގައި ފާސްކޮށްފައިވާއިރު، އެ ބިލު މިހާރު ރައީސް ވަނީ ތަސްދީޤުވެސް ކުރައްވާފައެވެ.
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރި:
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެއީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅައި ފިނޭންސް މިނިސްޓްރީ ބުނެފައި ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް އަންނާނެ ކަމަށް ބަލައިގެން މި ބަޖެޓު އެކުލަވާލިއިރު، އެ ރިފޯމްތައް އެކީގައި ތަންފީޒުކުރެވޭނެ ގޮތަށް އެކުލަވާލާ ފަރުމާ ކުރުމުގެ ޒިންމާ ކުރީ ސަރުކާރަށް އަދާކުރެވިފައި ނެތް ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ރިފޯމްތަކާއި ގުޅޭ ބުރަ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ވެސް ކުރިޔަށް ގެންދެވިފައި ނެތްކަން ފާހަގަކުރި އެވެ.
އަންނަ އަހަރަށް ލަފާކޮށް، 56.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކުރި:
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައި ފާސްކޮށްފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ އެވެ އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.
މި ހަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ އެވެ
އޭގެ އިތުރުން، މާލީ ކަންކަމާ ގުޅުންހުރި މުހިއްމު ބިލުތަކެއްވެސް މަޖިލީހުން މިއަހަރު ފާސްކޮށްފައިވެއެވެ. އޭގެ ތެރޭގައި ބޭރު ފައިސާއާބެހޭ ބިލާއި، ދައުލަތުގެ ފިސްކަލް ޒިންމާއާބެހޭ ބިލުގެ އިިތުރުން، ދައުލަތުގެ ދަރަންޏާ ގުޅޭ ބިލު ހިމެނެއެވެ. އެ ބިލުތައް ރައީސް މިހާރު ވަނީ ތަސްދީޤުވެސް ކުރައްވާފައެވެ.
ހަމައެއާއެކު، މުޖުތަމައުގައި ހުރި މައްސަލަތައް ޙައްލުކޮށް، ކުށުގެ ވެށި އިސްލާޙު ކުރުމަށްޓަކައި ކަފާލާތުގެ ދަށުން ދޫކޮށްލުމާބެހޭ އުސޫލު ބަޔާންކުރާ ބިލާއި، ސައިބަރ ކުށްތައް ޤާނޫނުލްއުޤޫބާތުުގައި ހިމެނުމުގެ އިތުރުން، އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ޒާތީ މައުލޫމާތު އިންޓަސެޕްޓްކޮށް މީހުންނަށް ފާރަލެވޭ ގޮތަށް އެކުލަވާލި ބިލުވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ބިލުތައްވެސް ރައީސް މިހާރު ވަނީ ތަސްދީޤު ކުރައްވާފައެވެ.
މަޖިލީހުން މިއަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނު އިސްލާޙުކުރުންވެސް ހިމެނެއެވެ. އަދި މިހާރު ކުރިއަށްދާ ބައެއް ކަންކަމުގެ ތެރޭގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ގޭންގް ކުށްތަކުގެ ބިލުގެ މަސައްކަތް ހިމެނެއެވެ. އެގޮތުން ބަލާއިރު، މިވަގުތުވެސް މަޖިލީހުން އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. އެ މަސައްކަތްތަކާއެކު އަންނަ އަހަރު ގިނަ ޤާނޫނުތަކެއް އިސްލާޙު ކުރެވިގެންދާނެކަމަށް ބެލެވެއެވެ.

