ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުތު ހަމަނުވާ މީހަކަށް ނިމިދިޔަ ދައުރުގައި ބިން ހަމަޖައްސައިދިންކަމަށް ތަހުގީގުން ހާމަވެފައިވޭ: ފުލުހުން

ސިސްޓަންޓު ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ފަރާތަކަށް ނިމިދިޔަ ދައުރުގައި ހައުސިންގް މިނިސްޓްރީގައި ޝަކުވާކޮށް އެ މުއައްސަސާގެ އިސްވެރިންނާއި ބައްދަލުކުރުމުން ފަހުން ބިން ހަމަޖެހުނުކަން އަންގައި ލިޔެކިއުމުގައި ސޮއިކުރުމަށް ގެންދިޔަކަން ތަހުގީގު މަރުހަލާގެ ތެރެއިން ސުވާލުކުރި ފަރާތަކުން ހިއްސާކޮށްފައިވާކަމަށް ފުލުހުންގެ މުއައްސަސާގެ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑު އެސިސްޓަންޓު ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމާއި ގުޅޭގޮތުން އުފެދިފައިވާ މައްސަލައިގެ މައުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީޕީ އަބްދުﷲ ޝަރީފް ވިދާޅުވީ، ހައްގުވެރި ނޫން ފަރާތަކަށް ބިމެއް ލިބި އެތަނުގައި ރޭނުގެ މަސައްކަތްތައް އެޗްޑީސީގެ ހުއްދައާއިއެކު ކުރަމުންދާކަން މުއައްސަސާގެ ސަމާލުކަމަށް އައުމާއިއެކު އެންމެ ފުރަމަތަ ކޮށްފައިވާ މަސައްކަތްތަކަކީ އެކަމާއި ގުޅުންހުރި ލިޔުމަކީ ސައްހަ ލިޔުމެއްތޯ ބެލުމުގެ މަސައްކަތްތައްކަމަށެވެ. އެގޮތުން ކަމާއި ބެހޭ ވުޒާރާތަކަށް ޒިޔާރަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަކަން ހިއްސާކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، އެންމެ ފުރަތަމަ ޒިޔާރަތްކުރީ އެޗްޑީސީއަށްކަމަށާއި އެތަނުގެ ވެރިންނާއި ބައްދަލުކޮށް މިކަމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް މަސައްކަތްތަކެއް ކުރިއަށް ގެންދިޔަކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ސޯޝަލްމީޑިއާގައި ދައުރުވި ލިޔުމަކީ އެޗްޑީސީގައިވެސް އޮތް ލިޔުމެއްކަން ހާމަވެގެންދިޔަކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ ލިޔުން ލިބުނީ ޕޯޓަލް މެދުވެރިކޮށް ބިން ލިބުނު ފަރާތްތަކުން ހުށައަޅަންޖެހޭ ލިޔުންތައް ހުށައަޅައިގެން އިންފާރު ރޭނުމަށްޓަކައި ހުއްދައަށް އެދުމުންކަމަށެވެ. އަދި ދައުރުވެފައިވާ ލިޔުން ނޫން އެހެން ލިޔުންތައްވެސް ޕޯޓަލްގެ ތެރެއިން އެދި ހުށައަޅާފައިވާކަން ފާހަގަކުރެވުނުކަމަށާއި މިފަދަ މައްސަލަތައް ހުރި ތިން ބިމެއް ފާހަގަކުރެވިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.

ޝަރީފް ވިދާޅުވީ، ބައެއް ލޮޓުތަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ލިޔުން ހޯދައިގެން ޕޯޓަލްގެ ތެރެއިން ހުއްދައަށް އެދި ހުށައަޅާފައިވާކަންވެސް އެ މުއައްސަސާގެ މަސައްކަތްތަކުން އެނގިފައިވާކަމަށާއި އެހެންކަމުން ކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަމަަށާއި ތިން ލޮޓަކަށް ހުއްދައަށް އެދި ހުށައަޅާފައިވާކަން ފެނުނުއިރު އެޗްޑީސީގެ ފަރާތުން ބައެއް މީހުންނަށް ހުއްދަ ދެވިފައިވާކަންވެސް ތަހުގީގުތަކުން އެނގިފައިވާކަމަށެވެ.

ނަމަވެސް އެއް ފަރާތަށްވުރެ ގިނަ މީހުން އެއް ލޮޓެއްގެ ލިޔެކިއުންތައް ހުށައަޅައި ހުއްދައަށް އެދިފައިވުމުން އެޗްޑީސީއިން އެކަން ބެލުމަށްޓަކައި ހައުސިންގް މިނިސްޓްރީއަށް ހުށައަޅާފައިވާކަންވެސް ފުލުހުންނަށް ކަށަވަރުކުރެވޭކަމަށާއި އެޗްޑީސީއިން ހުށައެޅީ އެ ލިޔުންތަކުގެ ސައްހަކަން ޔަގީންކުރުމަށްކަމަށެވެ.

ޝަރީފް ވިދާޅުވީ، ހައުސިން މިނިސްޓްރީއިން އެކަމަށް ޖަވާބު ދީފައިވާކަންވެސް ތަހުގީގުން ހާމަވެފައިވާކަމަށެވެ. އެގޮތުން މައުލޫމާތު ސާފުކުރުމަށް އެޗްޑީސީން ފޮނުވި ބައެއް މީހުންނަކީ ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ފަރާތްތަކެއްކަން ހައުސިންގް އިން އެޗްޑީސީއާއި ހިއްސާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިގޮތަށް ހުށައަޅާފައިވާ ހުރިހާ މީހުންނަކީ ޝަރުތު ހަމަނުވާ އަދި ބިން ހޯދުމަށް ހުށައަޅާފައިވެސް ނުވާ ފަރާތްތަކެއްކަން ތަހުގީގުން ހާމަވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، އިސްވެ ބަޔާންކުރިގޮތަށް ހުށައަޅާފައިވާ އެންމެންނަކީވެސް ޝަރުތު ހަމަނުވާކަން ގަބޫލުނުކުރެވިގެން ޝަކުވާކޮށް ހައުސިންގް މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރަން މަސައްކަތްކޮށްފައިވާ ބައެއްކަން ތަހުގީގު މަރުހަލާއިން އެނގިފައިވާކަމަށެވެ. އަދި މިގޮތުން އަމަލުކުރި އެކަކުގެ ފަރާތުން ނިމިދިިޔަ ސަރުކާރުގައި ތިއްބެވި ހައުސިންގެ އިސްވެރިންނާއި ބައްދަލުކުރެވުނު ވާހަކައިގެ އިތުރުން ޝަކުވާ ހުށައެޅި ވާހަކަ އަދި ފަހުން ބިން ހަމަޖެހިގެން ސޮއިކުރިކަމުގެ މައުލޫމާތު ލިބިފައިވާކަންވެސް ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: