ބިންވެރިޔާ ސްކީމްގެ ގޯތީގެ މައްސަލައާއި އެކު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތަކުގައި ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ރަޖުނީގެ ވާހަކަތައް ފެންމަތިވީ، ބިންވެރިޔާ ސްކީމުން ހައްގު ނޫން ބަޔަކަށް ގޯތި ދިން މައްސަލައިގައި ފުލުން ކުރިޔަށް ގެންދާ ޖިނާއީ ތަހުގީގާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި އެކު އެވެ. ތަހުގީގު ކުރިޔަށް ދާ ގޮތުގެ މައުލޫމާތު ރަޖުނީ ވެސް ހިއްސާ ކުރި ޕްރެސްގައި އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ކުރާ ތަހުގީގުތަކުގައި ސުވާލު ކުރި މީހުން ލިޔެކިއުން ލިބިފައި ވަނީ ކުރީ ސަރުކާރުގައިކަމަށް ބުނެފައިވާކަމަށެވެ.
ނޫސްވެރިން ބޭނުންވި ސުވާލުތަކަށް ޖަވާބު ނުލިބި ޕްރެސް ނިންމާލުމުން ގިނަ ބައެއްގެ ފާޑުކިއުން ވެސް ފުލުހުންނަށް އަމާޒުވި އެވެ.
ވިނަރެސް ފްލެޓާއި އެކު، ރަޖުނީގެ ބައެއް އާއިލާގެ އެހެން މީހުންނަށް ވެސް ފްލެޓު ލިބިފައިވާކަމަށް ދަނީ ދެކެވެމުންނެވެ. މި މައްސަލައިގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެސިސްޓެން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރަޖުނީއާއި ގުޅޭގޮތުން އާންމުވެފައިވާ މައުލޫމާތުތަކާއި ގުޅޭގޮތުން، ފުލުހުން ބަލަން ޖެހޭކަންކަން ބަލަމުންދާ ކަމަށެވެ.
މައްސަލައިގެ ތަހުގީގަށް ރަޖުނީ ސަސްޕެންޑު ކުރިކަން ނުވަތަ ނޫންކަން އަދި ސާފެއް ނޫނެވެ.

