ނެޝިނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވިސިޓް މޯލްޑިވްސް އަދި މަޓާޓޯއާއި ގުޅިގެން ކުރިއަށް ގެންދިޔަ ”އައި އޭމް މޯލްޑިވްސް ރޯޑްޝޯ“ ނިންމާލައިފިއެވެ.
އެމްއެމްޕީއާރްސީއިން މައުލޫމާތު ދީފައިވާގޮތުން ނެޝިނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވިސިޓް މޯލްޑިވްސް އަދި މަޓާޓޯއާއި ގުޅިގެން އައި އޭމް މޯލްޑިވްސްގެ ނަމުގައި އިންތިޒާމުކުރި މި ރޯޑްޝޯގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ޖޯރޖިއާ އަދި އަޒަރްބައިޖާންގައިކަމަށެވެ. އަދި މިއީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރެވިފައިވާ މަސައްކަތްތަކެއްކަމަށެވެ.
މިއީ އައު މާކެޓުތަކާއި ރާއްޖެއާއި ދެމެދު ފަތުރުވެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް ހިއްސާކޮށްފައިވެއެވެ. އަދި މި ރޯޑްޝޯއަށް 300 އަށްވުރެ ގިނަ ޓްރެވަލް އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވެފައިވާކަމަށާއި ރާއްޖޭގެ ފަރާތުން ބައިވެރިވި 18 ކޯއެގްޒިބިޓަރުންނާއިއެކު ބީޓުބީ ނެޓްވޯކިންގް މަސައްކަތްތައްވެސް މި ޝޯގެ ތެރެއިން އިންތިޒާމުކުރެވިފައިވާކަމަށެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، ޝޯއަށް ކުރި އުންމީދަށްވުރެ ރަނގަޅު ތަރުހީބެއް ލިބިފައިވާކަމަށެވެ. އަދި ބައިވެރިވި އެ ގައުމުތަކުގެ ޕާޓުނަރުންގެ ފަރާތުން ފެނިގެންދިޔަ މަންޒަރުތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މި މާކެޓުތަކުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވޭފަދަ އިޝާރާތްތަކެއް ފެނިގެންދިޔަކަމަށެވެ.

