އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް އިތުރު ދަޢުވާތަކެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހުށައަޅައިފިއެވެ.
ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުގައި ހުރިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާންތްތެރިވެ، އެފް.އޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
ޕީޖީން ކުރި އައު ދައުވަތުގެ ތެރޭގައި:
- ޤާނޫނުލްޢުޤޫބާތުގެ ގެ 215 ވަނަ މާއްދާގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ
ދަޢުވާކުރާ ސަބަބު: ބައްސާމު ޢަދީލް ޖަލީލު، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ކަނޑައަޅާ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން.
-
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ބައްސާމު ޢަދީލް ޖަލީލް، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާތީ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ކަނޑައަޅާ އަދަބު: 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން.
މި ދަޢުވާތަކާ ގުޅިގެން މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އޭގެތެރޭގައި:
-
މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަUSD1,200,000 އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު ޢަދީލް ޖަލީލްގެ އަތުން ނަގައިދިނުމަށް އެދި.
-
ލޯންޑާ ކޮށްފައިވާ މި ފައިސާ ބޭނުންކޮށްގެން ބައްސާމު ޢަދީލް ޖަލީލް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓްA1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް.

