މި ދުވަސްކޮޅު ނޫސްތަކުގެ ފަލަސުރުޙީތަކުން ފެންނަމުންދާ މައިގަނޑު އެއް ވާހަކައަކީ ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ވާހަކައެވެ. މުޅި އެ މައްސަލައަކީވެސް ބޮޑެތި ސުވާލުމާކެއްގެ ތެރޭގައި އޮތް މައްސަލައަކަށްވާއިރު، މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތުވެސް މަތީ މިންވަރަކަށް އެކުލެވިގެންވާ މައްސަލައެކެވެ.
ކަން އެހެން އޮޮތްއިރު، މައްސަލައާ ގުޅޭގޮތުން ރައްޔިތުންނަށް ދެފުއް ފެންނަ ގޮތެއްގައި މައުލޫމާތު ފޯރުކޮށްދިނުމާއި، ހަގީގަތް ސާފުކޮށްދިނުމަކީ ނުހަނު މުހިއްމު ކަމެކެވެ. ވަކިން ޚާއްސަކޮށް، މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެކަމުގެ ބޭނުންތެރިކަންވެސް ނުހަނު ބޮޑެވެ.
މިސާލަކަށް އެމްއެމްޕީއާރްސީ ހިޔާނާތަށް ބަލާލި ނަމަވެސް، ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން އެކުލެވޭ މައްސަލަވެސް އަދި ދައުލަތުގެ އެކި ކުންފުނިތަކާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައިވެސް ފެންނަން އޮތީ ރައްޔިތުންނަށް ކަމުގެ ހަގީގަތްތައް މިއަދާ ހަމައަށްވެސް މުޅިން ސާފުވެފައި ނެތްކަމެވެ.
މި ދައްކަނީ ރައްޔިތުންގެ ފައިސާގެ ވާހަކައެވެ. ދައުލަތުގެ ފައިސާގެ ވާހަކައެވެ. އެހެންކަމަށްވާނަމަ އެ ފައިސާ ބޭނުންކުރާ ގޮތާއި، އެ ފައިސާއަށް ހިޔާނަތްތެރިވިކަމަށް ތުހުމަތު ކުރެވޭނަމަ އެއީ ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަންކަމެވެ. ރައްޔިތުންގެ ނޭވާހޮޅިން ވައްކަން ކުރާކަމަށް ތުހުމަތު ކުރެވޭނަމަ އެކަމެއްގެ ހަގީގަތްވެސް ރައްޔިތުންނަށް ސާފުވާން ޖެހޭނެއެވެ. ހަމަ އެ ބީދައިން ރައްޔިތުންގެ ބޯހިޔާވަހިކަމުން ވައްކަން ކުރާ ކަމުގެ ތުހުމަތުވާނަމަ، އެކަމެއްގެ ހަގީގަތްވެސް ރައްޔިތުންނަށް ސާފުކޮށް އޮޅުންފިލުވައިދޭން ޖެހޭނެއެވެ.
އެޗްޑީސީގެ މައްސަލައަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ރައްޔިތުންނަށް އެބަ ހާމަވަމުންދެއެވެ. މިސާލަކަށް ކަމާ ގުޅުންހުރި ފަރާތްތައް ސަސްޕެންޑު ކުރުމާ ހަމައިން ފެށިގެން ކުންފުނީގެ ބޯޑަށް އަންނަ ބަދަލުތަކާއި މިހެން ގޮސް އައު އެމްޑީއެއް އައްޔަނު ކުރުމާ ހަމައަށްވެސް މައުލޫމާތުތައް ސާފުކޮށް އަންގަމުން ގެންގޮސްފައިވެއެވެ.
އެހެންނަމަވެސް ކަންބޮޑުވުންތައްް ހުރި ދިމާތައްވެސް ދަނީ ފާހަގަވަމުންނެވެ. މިސާލަކަށް މި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެޗްޑީސީގެ ލެޕްޓޮޕްތަކެއް ވަގަށް ނަގާފައިވާކަމުގެ ވާހަކަތަކެއް މިވަނީ ފެންމަތިވެފައެވެ. އެއާއެކު، ސުވާލުތައްވެސް ވަނީ ފުނިޖެހިފައެވެ.
އެކަމާ ގުޅޭގޮތުން މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލައާ ގުޅުންހުރި މީހަކު ފުލުހުންގެ ބަންދުގައި ހުރިކަމާއި، ގެއްލުނު 5 ލެޕްޓޮޕް އަނބުރާ ހޯދިފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް މިފަދަ ބޮޑު މައްސަލައެއްގެ ތަހުގީގު ހިނގަމުންދަނިކޮށް ލެޕްޓޮޕްތައް ގެއްލެންް މެދުވެރިވީ ކިހިނެއްތޯ މިއީ އުފެދޭ ސުވާލެކެވެ. މައްސަލައާ ގުޅުންހުރި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުން މައުލޫމާތު ދެނީ އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިވަގުތު ބަންދުގައި ހުރި މީހެއް ކަމަށެވެ. އެހެންކަމަށްވާނަމަ، އެމީހާއާ މި މައްސަލައާ ގުޅެނީ ކިހިނެއްކަމާއި، އެމީހާ ލެޕްޓޮޕްތައް ވަގަށް ގެންދިޔައީ ކޮން އިރަކުކަން ނުވަތަ ގެންދަން މަސައްކަތް ކުރިކަމަށް ތުހުމަތު ކުރެވެނީ ކޮން އިރަކުކަން މިއީ ހައްތަހާވެސް ސާފުވާން ޖެހޭނެ ކަންކަމެވެ.
ފަހަރުގައި ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ބަލައި ބައެއް މައުލޫމާތުތަކަކީ މި ދަނޑިވަޅަށް ހާމަ ކުރެވިދާނެ މައުލޫމާތުތަކަށް ނުވެދާނެއެވެ. ނަމަވެސް އެހެން ބޮޑެތި މައްސަލަތައް ބޮޑުނަގުލަށްވެގެންދާގޮތަށް މި މައްސަލައަށް ވެގެން ނުދާނެކަމަށް ރައްޔިތުން އުއްމީދު ކުރެއެވެ. މައްސަލައިގެ ހަގީގަތްތަކާއި، މި އުފެދިފައިވާ ބޮޑެތި ސުވާލުތަކުގެ ޖަވާބުތައް ރައްޔިތުންނަށް ސާފުވާނެކަމަށް އުއްމީދު ކުރެއެވެ. ހަމައެއާއެކު، އަވަސް ތަހުގީގެއް ހިންގައި، މި މުޅި މައްސަލައިގެ ވަށައިގެންވާ ސުވާލުތަކަށް ޖަވާބު ލިބިގެން ދިއުމަކީ ދައުލަތުގެ ކުންފުނިތަކުގެ އެތެރޭގައި ހިންގާ މިފަދަ ކޮރަޕްޝަންގެ މައްސަލަތަކުގެ ތުުހުމަތުތަކާއި އޭގެ ހަގީގަތްތައް ރައްޔިތުންނަށްވެސް ސާފުވެގެންދާނެ ސަބަބަކަށްވާނެއެވެ.
އެހެން ނުވާނަމަ ދައުލަތުގެ ކުންފުނިތައް އަބަދުވެސް އޮންނާނީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ތަންތަނުގެ ގޮތުގައެވެ. ކޮރަޕްޝަނާއި ހިޔާނާތުގެ ނިމުމެއް ނެތް ބޮޅެއްގެ ގޮތުގައެވެ.

