ދެކުނު ކޮރެއާގެ އެއާޕޯޓަކަށް ޖައްސަން އައި ފްލައިޓެއް ރަންވޭއިން ކަހާލައި ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 179 އަށް އަރައިފިއެވެ.
މި ޙާދިސާގައި 179 މީހަކު މަރުވެފައިވާއިރު، އެމީހުންގެ ހަށިތައް އާއިލާތަކާ ޙަވާލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޖެޖޫ އެއާ ފްލައިޓު ވެއްޓުނުއިރު ދަތުރު ކުރަމުން ދިޔައީ ބެންކޮކްއިން ދެކުނު ކޮރެއާގެ މުއާން އެއާޕޯޓަށެވެ. އޭރު ފްލައިޓުގައި 181 ފަސިންޖަރުން ތިއްބެވެ.
ފްލައިޓު ވެއްޓިފައި ވަނީ އެއާޕޯޓުގެ ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. އެގޮތުން ރަންވޭއިން ކައްސާލައިގެން ގޮސް ފާރެއްގައި ޖެހި މުޅި ފްލައިޓުގައި އަލިފާން ރޯވިއެވެ.
މި ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ނިއްވާ ފަރާތްތަކާ ޙަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ފްލައިޓް ވެއްޓެން މެދުވެރިވީ މޫސުމީ ސަބަބުތަކާހުރެ ނުވަތަ މަތީގައި އުދުހޭ ދޫނި އައިނުތަކާހެދި ކަމަށްވުން އެކަށީގެންވެއެވެ.
އެ ޤައުމުގެ ތަހުގީގީ އޮފިޝަލުން ގެންދަނީ ބޯޓު ވެއްޓުނު ސަރަޙައްދު ދިރާސާކޮށް، ތަހުގީގު ކުރަމުންނެވެ.

