ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހުޒަމްއަށް ކުރާ ޑައިމޯފިން ޓްރެފިކް ކުރުމުުގެ ދައުވާ ބަލައިނުގަތީ ރަނގަޅަށް: ހައިކޯޓު

އަހުޒަމް އަބްދުލް ޝަކޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫ ނައީމާ މޫސާގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ އަހުޒަމް އަބްދުލް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ނ މަނަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައިނުގަނެ، ބޭރުކޮށްލާފައިވަނީ ރަނގަޅަށްކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި އަހުޒަމް ހައްޔަރު ކުރެވުނީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައެވެ.

އޭގެ ފަހުން އެކި ފަހަރުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލާފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރުމަށް 24 ޖުލައި 2023 ގައި ދައުލަތުން ވަނީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ދައުވާ ހުށަހަޅާފައެވެ.

އެހެންނަމަވެސް ދައުލަތުގެ ފަރާތުން ދައުވާ ހުށަހަޅާފައިވަނީ މުއްދަތު ހަމަވި ފަހުންކަމަށް ބުނެ، އެ މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ ރަޖިސްޓްރާ ނިންމެވިއެވެ. އަދި ރަޖިސްޓްރާގެ ނިންމުން އަލުން މުރާޖައާ ކުރުމަށް ހުށަހެޅުމުންވެސް ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

އެހެންކަމުން ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. އިސްތިއުނާފު ބިނާވެފައިވަނީ އެއް ނުކުތާގެ މައްޗަށެވެ.

އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ކޯޓުން މާނަކޮށް ތަތުބީޤުކޮށްފައިވަނީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އެ މާއްދާގައި އޮންނަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ތެރެއިން ދޫކޮށްލާ މީހުންގެ މައްޗަށް ދަޢުވާ ކުރުމުގެ މުއްދަތުގެ ވާހަކައެވެ.

އެ މާއްދާއަށް ބުރަވެ ދައުލަތުން ފާހަގަކުރި ގޮތުގައި ތަހުގީގު ކުރުމުގެ މުއްދަތު ގުނުމުގައި ފުލުހުން އެ މުއްދަތު ބަލާފައިވަނީ އޭނާ ބަންދުން ދޫކޮށްލި ތާރީޚުން ފެށިގެންނެވެ. އަދި އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ސާފު އިރުޝާދުގައި ފެންނަން އޮތް ކަމެއްކަމަށްވެސް ދައުލަތުން ފާހަގަކުރިއެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ވުޖޫދުވެފައިވާ ޙާލަތަކީ އެ މާއްދާގައި ބަޔާންކޮށްފައިވާ ދެ ޙާލަތުގެ ތެރެއިން ”ކޯޓުން ދޫކޮށްލާ ޙާލަތް“ ކަމަށާއި އެ ޙާލަތުގައި ދަޢުވާކުރުމުގެ މުއްދަތު ގުނަން ފަށަނީ ”ބަންދުން ދޫކޮށްލާ“ ތާރީޚުން ފެށިގެންކަމަށް ޤާނޫނުގެ ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ދައުލަތުން ވަނީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާއެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު މުޙައްމަދު ނިޔާޒު ވިދާޅުވީ، ކުށެއްގެ ތުހުމަތުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދު ކޮށްފައިވާ މީހަކު ފުލުހުން ދޫކޮށްލައިފިނަމަ އޭނާގެ މައްޗަށް ދަޢުވާ ކުރަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށާއި، އަދި އޭނާގެ މައްޗަށް ދަޢުވާ ކުރުން ބަންދުން ދޫކޮށްލާ ތާރީޚުން ފެށިގެން 60 ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ. އަދި މިމައްސަލަތަކުގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ތަތުބީޤެއް ނުކުރެވޭނެ ކަމަށާއި، ސަބަބަކީ އެއަކުރުގައި ބަޔާން ކުރަނީ ބަންދުގައި ހުރި މީހެއްގެ މައްޗަށް ދަޢުވާ ކުރުމުގެ މުއްދަތު ކަމަށްވާތީކަން ފަނޑިޔާރު ނިޔާޒު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ފަނޑިޔާރު ނިޔާޒުގެ ރައުޔަކީ މި މައްސަލައިގެ ދައުވާތައް މަނަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައިގަންނަން ޖެހޭކަމަށެވެ.

އެހެންނަމަވެސް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުލް މާނިއު ހުސައިން އަދި ފަނޑިޔާރު ޙަސަން ޝަފީއުގެ ރައުޔު ތަފާތެވެ. އެގޮތުން ފަނޑިޔާރުުން ވިދާޅުވީ، ދަށުކޯޓުގެ ފަނޑިޔާރުގެ ނިންމުން ބިނާކުރި ޤާނޫނީ އަސާސަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ނޫންކަމާއި، އެ ނިންމުން ބިނާވެފައި އޮތީ އެ މާއްދާގެ (ހ) އަށް ކަން ސާފުކޮށް އެނގެން އޮންނަކަމަށެވެ.

އެ އަކުރުގައި ބަޔާން ކުރަނީ ބަންދުގައި ހުރި މީހެއްގެ މައްޗަށް ދަޢުވާ ކުރުމުގެ މުއްދަތުގެ ވާހަަކައެވެ.

ހަމައެއާއެކު، ދައުލަތުގެ އިސްތިއުނާފީ ނުކުތާއާއި، އަދި ދައުލަތުން ކޯޓަށް ހުށަހެޅި ބަހުސްގައިވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ދަށުކޯޓުން މި މައްސަލަތަކަށް ތަޠުބީޤުކުރިގޮތް ގޯސްކަމަށް ފާހަގަކޮށް އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ފާހަކޮށްފައިނެތްކަމަށް ޝަރީއަތުން ބަޔާންކޮށްފައިވެއެވެ.

އެހެންވެ ޝަރީއަތަށް ބުރަވެވެނީ ދައުލަތުން ހުށަހަޅާފައިވާ ގޮތަށް މި މައްސަލައިގެ އިސްތިއުނާފު ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ މި މައްސަލައިގައި ނ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައެވެ.

ނައީމާ މޫސާގެ މަރާ ގުޅިގެން އަހުޒަމްގެ މައްޗަށް ކުރާ ދައުވާތައް ދަށު ކޯޓުގައި ކުރިއަށްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: