2024 ވަނަ އަހަރަކީ ދިވެހިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ އަހަރެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
2024 ވަނަ އަހަރު ނިމުން ފާހަގަކުރުމުގެ ގޮތުން ޝާހިދު ވަނީ ސޯޝަލްމީޑިއާގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، 2024 އަކީ ދިވެހި ރައްޔިތުންނަށް ބޮޑެތި ގިނަ ދަތިތަކެއް ކުރިމަތިވެގެން ދިޔަ އަހަރެއްކަމަށާއި އަސާސީ ހައްގުތައް ކަށަވަރުކުރުމުގައި ދިމާވަމުންދިޔަ ދަތިތަކުގެ އިތުރުން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ހޯދުމުގައިވެސް ހުރަސްތަކެއް ދިމާވެގެންދިޔަކަމަށެވެ.
ޝާހިދު ވިދާޅުވީ، 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރީގެ މަސައްކަތްތަަކުގައިވެސް ގޮންޖެހުންތަކާއި ކުރިމަތިވިކަމަށެވެ. އެގޮތުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން އިގްތިސާދީ ހަރަކާތްތަކުގައިވެސް ހުރަސްތައް ފާހަގަކުރެވުނުކަމަށެވެ. އޭނާ ވިދާޅުވީ، އަހަރު ނިމިދިގެންދިޔައިރު ޒުވާނުންނަށް މާޔޫސްކަން ގެނުވާފަދަ ބޮޑެތި ނިންމުންތައް ނިމިގެންދިޔަކަމަަަށާއި އިޖްތިމާއީ ރައްކައުތެރިކަން ލިއްބައިދިނުމަށްޓަކައި އެކުލަވާލާފައިވާ މުޅި ނިޒާމު ރޫޅިގެންދާ މަންޒަރު ފެނިވަޑައިގެންނެވިކަމަށެވެ.
ޝާޙިދު ވިދާޅުވީ، ޖުމުލަ ގޮތެއްގައި ރައްޔިތުންނަށް ނިކަމެތިކަމާއި ހާސްކަން ކުރިމަތިވިކަމަށެވެ. އަދި 2024 ވަނަ އަަހަރަކީ ދެން ވެގެންދާނެ ގޮތް ނޭނގިފައި ތިބެން ޖެހުނު އަހަރެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އައު އަހަރަކަށް މަރުހަބާ ކިޔަންވާނީ އައު އުންމީދުތަކަކާއިއެކުކަމަށާއި މާޔޫސްކަމުގެ ތެރޭގައި ތާށިވެ ކަސްތޮޅު އެޅިގެން ތިބެގެން ނުވާނެކަމަށެވެ.
އޭނާ ވިދާޅުވީ، ދިވެހިންނަށް ހައްގު މިންވަރު ހޯދުމަށްޓަކައި ފަސްނުޖެހި މަސައްކަަތްކުރަންޖެހޭކަމަށާއި އަދަށްވުރެ ފެހި އަމާން ޒަމާނެއް ރައްޔިތުންނަށް ހޯދުމަށްޓަކައި އައު ހިތްވަރަކާއިއެކު މަސައްކަތްތައް ފަށަންޖެހޭކަމަށެވެ.

