އެއާޕޯޓް ޓެކްސްއަށް ގެނައި ބަދަލާއިއެކު ދައުލަތުގެ އާމްދަނީއަށް 274 މިލިޔަން ރުފިޔާ އިތުރުވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހަށް ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.
އެއަރޕޯޓް ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް ގެނައި ބަދަލާއިއެކު ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނެގި ނަމަވެސް އައު ޤަވައިދުގެ ދަށުން ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން މި އަދަދު ވަނީ 50 ޑޮލަރަށް ބަދަލުކޮށްފައެވެ.
ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރެއްގެ އަތުން މީގެކުރިން 50 ޑޮލަރު ނެގި ނަމަވެސް މިހާރު ނަގަނީ 120 ޑޮލަރެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން ކުރިން 90 ޑޮލަރު ނެގިއިރު އައު ބަދަލާއިއެކު މިހާރު ނަގަނީ 240 ޑޮލަރެވެ. މީގެއިތުރުން ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން 120 ޑޮލަރު ނަގަމުން އައިނަމަވެސް، 1 ޑިސެމްބަރގެ ފަހުން ނަގަމުންދަނީ 480 ޑޮލަރެވެ.
މި ބަދަލާއިއެކު ދައުލަތުގެ އާމްދަނީއަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 26ގެ ނިޔަލަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެގޮތުގައި ދައުލަތައް ލިބިފައިވަނީ 988 މިލިޔަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ.

