ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ޢަޒުމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު މަސައްކަތްކުރުން: ރައީސް

ރައީސް ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ޢަޒުމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ އައު އަހަރުގެ މުނާސަބަތުގައި ފޮނުއްވެވި ޚިތާބުގައެވެ.

ރައީސް ވިދާޅުވީ، އާ އަހަރަކީ އަބަދުވެސް ޢަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެއް ކަމަށެވެ. އެގޮތުން ޤައުމީ ފެންވަރުގައްޔާއި، ޖަމާޢަތުގެ ފެންވަރުގައްޔާއި، ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ ޢަޒުމު ކަނޑައެޅިދާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ޢަޒުމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުން ކަމަށެވެ.

މީގެ އިތުރުން، ވަޢުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުުމުގެ އިތުރުން، އަބަދު ވެސް ރައްޔިތުންނާ އެންމެ ގާތުގައިވުމާއި، މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަކީވެސް ސަރުކާރުގެ އަޒުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އާ އަހަރުގައި އަޅުގަނޑުމެންގެ ފަރުދީ ޢަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުމާއި، ޞުލްޙަ މަޞްލަޙަތު އިސްކުރުން ކަމަށެވެ.

ހަމައެއާއެކު، ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އާ އަހަރުގައި އަޅުގަނޑުމެންގެ ފަރުދީ ޢަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުމެވެ. ޞުލްޙަ މަޞްލަޙަތު އިސްކުރުމެވެ. ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމެވެ. އިޙްތިރާމާއި ކުލުނުވެރިކަމެވެ. އެހެންކަމުން، މި ފެށުނު އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. ރަނގަޅުކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގުދެއްކެވުމަށް އެދެމެވެ.

ރައީސް ވިދާޅުވީ، ދިވެހި ދައުލަތް އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި، ދިވެހި ޤައުމިއްޔަތު ދިފާޢުކޮށް ކަށަވަރުކުރުމުގެ އަމާޒާއި، ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ އަމާޒަށް ކަމަށެވެ.

އޭގެ އިތުރުން، ބޭސްފަރުވާއާއި އާންމު އަސާސީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރާއްޖޭގެ ތަފާތު އެކިއެކި ކަންކޮޅުތަކަށް ގެނެވޭ އުމްރާނީ ކުރިއެރުން އިތުރު ކުރުމަށްވެސް މަސައްކަތް ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: