ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ.
މި އެއްބަސްވުމަށް އަމަލު ކުރަން ފަށާފައިވަނީ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
ރާއްޖެ އަދި ޗައިނާ ދެމެދު ގާއިމުކުރެވިފައިވާ ފްރީޓްރޭޑް އެއްބަސްވުމުގެ ދަށުން އިގްތިސާދުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑެތި ލުއިތަކާއި ގުޅޭގޮތުން އެ މިނިސްޓްރީއިންދަނީ މައުލޫމާތު އާންމުކުރަމުންނެވެ. އެގޮތުން އިގްތިސާދަށް ބޮޑެތި ހެޔޮ އަސަރުތައް ކުރާނެކަމަށް ފާހަގަކޮށްފައިވާއިރު ގާތްގަނޑަކަށް ހުރިހާ މަހުގެ ބާވަތެއްވެސް ޑިއުޓީއެއް ނެތި ޗައިނާއަށް އެކްސްޕޯޓުކުރުމުގެ މަގު ހުޅިވިގެންދާނެކަމަށް މައުލޫމާތު ދީފައިވެއެވެ.
މިނިސްޓްރީން ބުނެފައިވާގޮތުން އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިންނަށާއި ވިޔަފާރިތަކަށް ލިބޭ ފައިދާ އިތުރުވެގެންދާނެކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓްރީއިންވަނީ ދިވެހިރާއްޖެއަށް މުދާ އިމްޕޯޓުކުރުމުގެ އަގު ހެޔޮވެގެންދާނެކަން ހިއްސާކޮށްފައެވެ. އެގޮތުން ކޮންސްޓްރަކްޝަންގެ ބޭނުމަށް އިތުރުކުރާ މުދަލާއި އެކަމުގައި ބޭނުންކުރާ އެކި ބާވަތުގެ މެޝިނަރީ އެތެރެކުރުމަށް ކުރަންޖެހޭ ހަރަދުތައް ކުޑަވެގެންދާނެކަމަށެވެ. އެހެންކަމުން ޕްރޮޑަކްޓުތައް އުފެއްދުމަށް ކުރާ ހޭދަކުޑަވެގެންދިއުމުގެ އިތުރުން އާންމުންނާއި ހިސާބަށް އެތަކެތި ހެޔޮ އަގުތަކުގައި ފޯރުކޮށްދިނުމުގެ މަގުވެސް ފަހިވެގެންދާނެކަމަށެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި މިނިސްޓްރީންވަނީ ދިވެހި ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަން ފާހަގަކޮށްފައެވެ. އެގޮތުން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއި ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންނަށް ޗައިނާގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދޮރުހުޅުވިގެންދާނެކަމަށާއި އެއީ އެއް ބިލިއަނަށްވުރެ ގިނަ މީހުންގެ މާކަޓެއްކަމަށެވެ.
އެހެންކަމުން އެކްސްޕޯޓަަރުންނާއި އިމްޕޯޓަރުން އަދި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވިޔަފާރިކުރައްވާ ފަރާތެއްކަމަށްވީނަމަވެސް މި އެއްބަސްވުމުގެ ސަބަބުން ކުރަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް ބުނެފައިވެއެވެ. ރާއްޖެއާއި ޗައިނާގެ ދެމެދު ގާއިމުކުރެވިފައިވާ ފްރީޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފަށާނީ 2025 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.

